ހަބަރު

ނާޒިމް ޔޫކޭއަށް ދިޔަތޯ ކަރެކްޝަނުން ބަލަން ފަށައިފި

ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރެމުންދާތީ އެ މައްސަލަ މޯލްޑިވްސް ކެރެކްޝަންސް ސާވިސްއިން ބަލަން ފަށައިފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ހަސަން މިއަދު ވިދާޅުވީ، ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް ބުނެ މީޑިއާތަކުގަިއ ރިޕޯޓްކުރަމުންދާތީ އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންތޯ ސާފުކުރުމަށް އިމިގްރޭޝަނަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

"ނާޒިމް އިނގިރޭސިވިލާތަށް ދިޔުމަށް ކަރެކްޝަންސްއިން ހުއްދައެއް ދީފައެއް ނުވާނެ، ސިންގަޕޫރަށް ނާޒިމް ވަޑައިގަތީ ޕާސްޕޯޓެއްގައެއް ނޫން، ނާޒިމް އެ ގައުމަށް ވަޑައިގަތީ ޓެރަވަލް ޑޮކިއުމެންޓެއްގައި،" ހަސަން ވިދާޅުވި އެވެ.

މީޑިއާގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް ނާޒިމްގެ ފަރާތުން މިކާ ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނާޒިމް ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ކަރެކްޝަންސްއިން ވަނީ މުއްދަތު އިތުރުކޮށް ނުދީ، ނާޒިމް އަނބުރާ ރާއްޖެ އައުމަށް އަންގާފަ އެވެ.

އެ އެންގުމާ ގުޅިގެން ކަރެކްޝަންސްއަށް ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ކަރެކްޝަންސްއިން އެންގި ނަމަވެސް ބޭސްފަރުވާގެ މުއްދަތު ހަމަނުވަނީސް ރާއްޖެ ނާންނާނެ ކަމަށެވެ. މުއްދަތު ހަމަވުމުން ވެސް ރާއްޖެ ނާންނާނެ ކަމަށް ނާޒިމް ވިދާޅުވުމުން އެކަމާ ގުޅިގެން އަޅާނެ ފިޔަވަޅެއް އަދި ނުނިންމާ ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.

ރާއްޖެ އައުމަށް ނާޒިމް ދެކޮޅު ހަދާފައިވާއިރު، ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަށް ވަނީ އަނބުރާ ގެނެސްފަ އެވެ.

ނާޒިމްގެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް 2008 ވަނަ އަހަރުގެ ނެރެފައިވާ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޯޑިޓް ރިޕޯޓާއި ގުޅިގެން 15،000 ދިވެހި ދިދަ ހެދުމަށް އެމިނިސްޓްރީން ކޮށްފައިވާ ތަފާތު ދެ އިއުލާނަކާއި ގުޅިގެން ދިދަ ފޯރު ކޮށްދީ ނަންގަވާފައިވާ ފައިސާ އާއި ބަނދަރު ބައްތިތަކެއް ހޯދުމަށް ކުރި އިއުލާނަކާއި ގުޅިގެން ނަންގަވައިފައިވާ ފައިސާ އާއި އަތޮޅުތަކުގެ މިސްކިތް ތަކަށް ސައުންޑް ހޯދުމަށް ކޮށްފައިވާ އިއުލާނަކާއި ގުޅިގެން މަކަރާއި ހީލަތް ހައްދަވައިގެން ފައިސާ ތަކެއް ނެންގެވި ކަމަށް ބުނާ މައްސަލަ ސާބިތުވުމުންނެވެ.