މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގަވައިދުގެ ދަށުން ނާޒިމް ގެނައުމުގެ މަސައްކަތް ކުރާނަން: ކަރެކްޝަން

ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު ހަމަވެފައިވާއިރު، ގަވާއިދުގެ ދަށުން ނާޒިމް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ސާވިސްއިން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ ކޯޑިނޭޓަރު ހަސަން ވިދާޅުވީ، ރާއްޖެ ވަޑައިގަތުމަށް ނާޒިމަށް ދިން 48 ގަޑިއިރުގެ މުއްދަތު ވަނީ ހަމަވެފައި ކަމަށާއި ގަވާއިދާއި އުސޫލުގެ ދަށުން ނާޒިމް ރާއްޖެ ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް އެންގީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް ނާޒިމް އެދިފައިވަނިކޮށެވެ. ނާޒިމަށް އެ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާ ކަރެކްޝަންސްއިން އެންގީ 48 ގަޑިއިރު ތެރޭ ރާއްޖެ ވަޑައިގަތުމަށެވެ. ނާޒިމަށް ރާއްޖެ އެނބުރި ވަޑައިގަތުމަށް އެންގީ އޭނާ އިނގިރޭސިވިލާތަށް ވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވިތޯ ބެލުމަށް ކެރެކްޝަންސްއިން ވަނީ އިމިގްރޭޝަނެއް ސިޓީއެއް ފޮނުވާފަ އެވެ. ހަސަން ވިދާޅުވީ، އެ ސިޓީއަށް ޖަވާބު ލިބިފައިވާ ކަމަށާއި ޖަވާބުގައި ވަނީ ނާޒިމް ސިންގަޕޫރަށް ވަޑައިގަތީ ޓްރެވެލް ޑޮކިއުމެންޓެއްގަ ކަމަށެވެ. އަދި އެ ޓްރެވެލް ޑޮކިއުމެންޓްގައި އިތުރު ގައުމަކަށް ދަތުރުނުކުރެވޭނެ ކަމަށެވެ.

ކުރީގެ މެންބަރު ރާއްޖެ ގެނައުމުގެ މަސައްކަތް ކަރެކްޝަންސްއިން ފަށާނެ ކަމަށް ބުނެފައިވާއިރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމަށް ރާއްޖެ ވަޑައިގަތުމަށް ދިން މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް ނާޒިމް ވަނީ މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަން އަންގާފަ އެވެ.

ހަސަން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިގަތުމަށް ވަކި މުއްދަތެއް ދީފައިނުވާނެ ކަމަށާއި، އަންގާފައިވަނީ ރާއްޖެ ވަޑައިގަތުމަށް ކަމަށެވެ.