ހަބަރު

އިންޑިއާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

Apr 12, 2016

ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިރޭ އެނބުރި މާލެ ވަޑައިގެންފި އެވެ.

ރައީސް އިއްޔެ އިންޑިއާއަށް ފެއްޓެވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅަށް ފަހު، މާލެ ވަޑައިގެންނެވީ މިރޭ 11:30 އެހާކަން ހާއިރު އެވެ. މާލެ ވަޑައިގަތް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވަން އޮތް ނަމަވެސް އެންމެ ފަހު ވަގުތު އެ ޕްރެސް ވަނީ ކެންސަލްކޮށްފަ އެވެ. ކެންސަލް ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ރައީސް އިންޑިއާއަށް މި ކުރެއްވި ދެ ވަނަ ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ އެކު ވަކިން ބައްދަލު ކުރައްވައި އެކި ކަންކަމުގައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި މުހިންމު ހަ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކޮށްފަ އެވެ.

އިންޑިއާ-ރާއްޖެ ސޮއިކުރި އެއްބަސްވުންތައް

  • ވައިގެ ދަތުރުތަކުން ނަގާ ޑަބަލް ޓެކްސް ކުޑަކުރުމުގެ އެއްބަސްވުން
  • ދިރާސާތައް ކުރުމާއި މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެއްބަސްވުން
  • ސައުތު އޭޝިއާ ސެޓްލައިޓް "އޯބިޓް ފްރެކުއެންސީ ކޯޑިނޭޝަން"ގެ އެއްބަސްވުން
  • ޓެކްސްގެ ދާއިރާއިން ދެ ގައުމުން މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުން
  • ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުން
  • ފުލުހުންގެ ޓްރެއިނިން އިންސްޓިޓިއުޝަނެއް އެޅުމުގެ އެއްބަސްވުން

ބޮޑުވަޒީރު މޯދީ އާއި ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން މީޑިއާއަށް ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި މޯދީ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ ގުޅިފައި ވަނީ ވަރަށް ވަރުގަދަ ގުޅުމަކުން ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ ނުރައްކަލަކީ އިންޑިއާއަށް ވެސް ނުރައްކަލެއްކަން ފާހަގަ ކުރައްވައި މޯދީ ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގުލެއްގައި ރާއްޖެއަށް ފުރިހަމައަށް އެހީތެރިވެ އެއްބާރުލުން ދެމުން އަންނާނެ ކަމަށެވެ. އަދި ރާއްޖެ ހިމާޔަތް ކުރުމަކީ އިންޑިއާގެ ވާޖިބެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

މޯދީ ވަނީ އައިހެވަން މަޝްރޫއުގެ ބައިވެރިއަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އަދި ފުލުހުންނަށް ޓްރެއިނިން އެކަޑަމީއެއް އަޅައި ދިނުމަށް އެއްބަސްވެ ވަޑައިގެންނެވިކަން ހާމަ ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށާއި ރާއްޖޭގެ ސަލާމަތް ގުޅިފައި ވަނީ އިންޑިއާގެ ސަލާމަތްތެރިކަމާ ކަމަށެވެ. އަދި އިންޑިއާއަށް ދެރަވާނެ ގޮތަކަށް ރާއްޖެއިން ކަމެއް ނުކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވާއިރު ބައިނަލްއަގުވާމީ މައްސަލަތަކުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް މުހިންމު ކަމަށާއި ދެ ގައުމު މަސައްކަތް ކުރާނީ ގުޅިގެން ކަމަށެވެ. އަދި ސީމެގް ފަދަ ބައިނަލްއަގުވާމީ އެހެން ޖަމްއިއްޔާތަކުން ބޭއިންސާފުން ރާއްޖެއާ މެދު ކުރާ ކަންތައްތަކުގެ ދިފާއުގައި އިންޑިއާއިން މިހާރު ވެސް މަސައްކަތް ކުރާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާގެ އެހީތެރިކަން އެފަދަ ކަންކަމުގައި ރާއްޖެއިން ބޭނުންވާނެ ކަމަށް ބޮޑު ވަޒީރަށް ދެންނެވި ކަމަށެވެ.

މިދަތުރުގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ދުންޔާ އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ އަންޑަ ސެކްޓަރީ އަހުމަދު ނަސީރު ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރަށް މަޖިލީހުގެ ތިން މެންބަރަކު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.