އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގެ 50 ވަނަ އަހަރާއި ދުވަހާ ގުޅިގެން މިއަދު ހެނދުނު އެއާޕޯޓްގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައި ދިދަ ނަގައިިފި އެވެ.
އައިއެންއައިއޭގެ ވީއައިޕީ ލޯންޖް ކުރިމަތީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓާ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓާ އާދިލް މޫސާ އާއި އެ ކުންފުނީގެ މުވައްޒަފުން ވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މައި އެ އާޕޯޓަކީ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ. އެގޮތަށް އައިއެންއައިއޭ އަކީ ރާއްޖޭގެ އަމިއްލަވަންތަކަމާއި އިސްތިގުލާލު ދައްކުވައިދޭ އެއާޕޯޓު ކަމަށެވެ.
އަދި ރާއްޖެއަށް މިނިވަންކަން ލިބުނުތާ އެއް އަހަރު ފަހުން އެއާޕޯޓު ހުޅުވިގެން ދިއުމަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަދި އިސްތިގުލާލްގައި އެއާޕޯޓު ފަދަ މުހިންމު ދޮރުތައް ހުޅުވިފައި ހުންނަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި މި އެއާޕޯޓް މި ސަރަހައްދުގައި ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ވާނެ ކަމަށެވެ. އަދި މިއަށްވުރެ އިތުރަށް އެއާޕޯޓު ތަރައްގީވެގެންދާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އެއާޕޯޓްގެ އަހަރީ ދުވަސް ފާހަގަ ކުރަން ތަފާތު ގިނަ ކަންތައްތަކެއް އެމްއޭސީއެލް އިން ވަނީ ރާވާފަ އެވެ.