ވިޔަފާރި

"ސީކްރެޓް ރެސިޕީ" ކޭކު މީރުތަ؟ އަންނަ ހޯމަ ދުވަހު ހުޅުވަނީ

  • ކޭކުގެ 17 ވައްތަރު ލިބޭނެ
  • އަގުތައް އެކަށީގެންވޭ
  • ހުޅުވަނީ ބޮޑު އިންވެސްޓްމަންޓަކުން

މެލޭޝިޔާއަށްދާ ދިވެހިންނަށް "ސީކްރެޓް ރެސިޕީ" އެނގޭނެ އެވެ. މި ރަހައަށް ފަރިތަވާނެ އެވެ. މިތަނުގެ ކޭކަކީ މަގުބޫލު އެއްޗެކެވެ. ރާއްޖޭގައިވެސް މީގެ ރެސްޓޯރެންޓެއް ހުޅުވަން މިވަނީ ތައްޔާރުވެފަ އެވެ. މި ރެސްޓޯރެންޓް އަންނަ ހޯމަ ދުވަހު ހުޅުވާނެ އެވެ.

"މިހާރު ހުރިހާ ކަމެއްް މިވަނީ ނިމިފައި. ކުރިން ހުޅުވަން ނިންމާފައިވަނީ މި މަހުގެ 20 ގައި. އެކަމަކު ހުޅުވުން މިވަނީ 18 (ހޯމަ ދުވަހަށް) އަވަސް ވެފަ،" ރެސްޓޯރެންޓް ހުޅުވާ ލިލީ އެފް އެންޑް ބީގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވި އެވެ.

"ސީކްރެޓް ރެސިޕީ" ރެސްޓޯރެންޓް ހުޅުވަނީ މަޖީދީމަގުގައި ކުރިން ޖަޔަންޓް ސުޕަ ސްޓޯރު ހުޅުވާފައި ހުރި އިމާރާތުގަ އެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ފްރެންޗައިޒެއް ކަމަށްވާ "ސީކްރެޓް ރެސިޕީ" ހަދާފައިވަނީ ހުރިހާ މީހުންނަށް ވެސް ކެއުމަށް އިންސާފު ކުރެވޭނެ ގޮތަށް ކަމަށެވެ.

"ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެންޖޯއީ ކުރެވޭ ގޮތައް މެނޫ މި އޮންނާނީ،" ސީކްރެޓް ރެސިޕީގެ މެނޫ ދައްކާލަމުން އާމިރު ވިދާޅުވި އެވެ.

ތިން ބުރިއަށްވާ ގޮތަށް ހަދާފައިވާ މި ރެސްޓޯރެންޓުގައި 200 މީހުންގެ ޖާގަ އޮވެ އެވެ. މި ތަނުގައި އާއިލާތަކަށް ހާއްސަ ބައެއް ހުރެ އެވެ. އަދި ކުޑަކުދިން ކުޅޭނެ ޖާގައެއް ވެސް އޮވެ އެވެ. މީގެ އިތުރުން ކުދި މީޓިން ރޫމުތައް ބޭއްވުމަށް ވެސް ހާއްސަ ބައެއް ހުރެ އެވެ. އަދި ސްމޯކިން އޭރިއާއަކާއި ޕާޓީތައް ބޭއްވުމަށް ވެސް މިތަނުގައި ޖާގަ އޮވެ އެވެ.

އަގުތައް އެކަށީގެންވޭ!

ދެން އޮތް ސުވާލަކީ "ސީކްރެޓް ރެސިޕީ" ރެސްޓޯރެންޓުގެ އަގުތައް ކިހިނެއްވާނެ ބާ އެވެ؟ ސީކްރެޓް ރެސިޕީ މެނޫ "އަވަސް" އަށް ވަނީ ދައްކާލާފަ އެވެ. އަގުތައް ވަރަށް އެކަށީގެންވެ އެވެ. މި މެނޫގައި ނެތް އެއްޗެއް ނެތޭ ބުނެވިދާނެ އެވެ. ސީފުޑްގެ ބާވަތްތައް ވެސް ހިމެނެ އެވެ. މަޓަން އާއި ބީފް އަދި ކޭކު ވެސް ހިމެނެ އެވެ. އަދި މި މެނޫގައި ހުރިހާ ރަހަތަކެއްގެ ފްރެޝް ޖޫހާއި މިލްކް ޝޭކް ވެސް އެބަ ހުއްޓެވެ. މީގެ އިތުރުން ސޫޕާއި އޭޝިއަން ކޮލެސިކްސް ކެއުންތައްވެސް ހިމެނެ އެވެ.

އާމިރު ވިދާޅުވީ މި ރެސްޓޯރެންޓުގައި ކޭކުގެ 17 ވައްތަރެއް ލިބެން ހުންނާނެ ކަމަށެވެ.

"ކޭކަކީ ސީކްރެޓް ރެސިޕީގެ އެންމެ ހާއްސަ އެއް ބާވަތް. އެންމެ މަގުބޫލު އެތި. މީގައި އެންމެ މަގުބޫލު ޗީޒް ކޭކް ވެސް ހިމެނޭ،" އާމިރު ވިދާޅުވި އެވެ.

ބޮޑު މަސައްކަތެއް، ބިޔަ އިންވެސްޓްމަންޓެއް

އިމާރާތައް ބަލައިލުމުން ވެސް މަސައްކަތުގެ ބުރަކަން އެނގެ އެވެ. ރާއްޖެއަށް "ސީކްރެޓް ރެސިޕީ" ބްރޭންޑް ގެނައުމަށް ބްރޭންޑް ފީގެ ގޮތުގައި އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްފައިވެ އެވެ. ހުރިހާ ފަރުނީޗަރުތައް ވެސް ގެނެސްފައިވަނީ ރާއްޖޭން ބޭރުންނެވެ.

އާމިރު ވިދާޅުވީ މި މަސައްކަތަކީ ހީކުރާ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ.

"ވަރަށް ބޮޑު އެފަޓަކާއި ޓައިމެއް ހޭދަކުރަން ޖެހޭ ކަމެއް މިއީ. މީގެ އިތުރުން ވަރަށް ބައިވަރު ފައިސާ ދޭ. ހަމައެކަނި އަޕް ފްރަންޓްކޮށް ދޭން ޖެހޭ 180000 ޑޮލަރު. އަދި ހުޅުވާ ކޮންމެ އައުޓްލެޓަކަށް ވަކިވަރެއް ދައްކަން ޖެހޭ. މި ވަރުގެ ތަނެއް ހަދާ ނިމޭއިރު ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދު ވޭ،" އާމިރު ވިދާޅުވި އެވެ.

"މި ހަދަން ޖެހޭނީ އެންމެ ޔޫރަޕިއަން ސްޓޭންޑަޑަށް. ބަދިގޭގެ ސާމާނު ވެސް އެހާމެ ކޮލިޓީކޮށް. ތަނުގެ ސައިޒަށް ބަލާނަމަ ގާތްގަނޑަކަށް 2،000 އަކަފޫޓުގެ ތަނެއް މިއީ. އަޅުގަނޑު ދަންނަވާނީ މިއީ ދުނިޔޭގައި ހުރި އެންމެ ބޮޑު ސީކްރެޓް ރެސިޕީއަށް ވާނެއޭ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ މެދުތެރޭގައި މިތަން ހުޅުވީ ގިނަ ބަޔަކަށް ހިދުމަތް ދެވޭނެގޮތް ވެސް ބަލާފައި ކަމަށެވެ.

"މިތަން ސިޓީ ސެންޓާގައި ހެދިއިރު ހިތައް އެރީ ހިދުމަތް ހޯދާ މީހަކުނަމަ އޭނާ ޕާކިން ސްޕޭސް ވެސް ހޯދާނަ އޭ. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު ސާވިސްއެއް ދޭން،" އާމިރު ވިދާޅުވި އެވެ.

ސީކްރެޓް ރެސިޕީއަކީ 1997 ވަނަ އަހަރު އުފެދުނު މެލޭޝިޔާގެ ބްރޭންޑެކެވެ. އަދި މި ބްރޭންޑުގެ ރެސްޓޯރެންޓުތައް މިހާރު ދެކުނު އިރުމަތީ އޭޝިޔާގެ ގިނަ ގައުމުތަކުގައި ވެސް ހުޅުވާފައިވެ އެވެ.