ހަބަރު

ރާއްޖެޓީވީގެ ނޫސްވެރިންނަށް ކުރި ދައުވާ އަނބުރާ ގެންނަން ނަޝީދު ގޮވާލައިފި

ބިރަކާ ނުލާ ނޫސްވެރިންނަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި ރާއްޖެޓީވީގެ ދެ ނޫސްވެރިންނަށާއި ސީއޯއޯ އަށް ކޮށްފައިވާ ދައުވާ އަންބުރާ ގެންދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިޝާމްއާއި ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރު އަދި ސީއޯއޯ ހުސެން ފިޔާޒްގެ މައްޗައް ފުލުހުން ދައުވާ ކުރުމުންނެވެ. ވިޝާމްއާއި ލީވާންގެ މައްޗައް ފުލުހުން ކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި ފިޔާޒުގެ މައްޗައް ކުރީ ފުލުހަކަށް ހަމަލާ ދިން ކަމުގެ ދައުވާ އެވެ.

އެކަމާއި ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރަކާއި ނުލާ ނޫސްވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި ދައުވާތައް ވަގުތުން ބޭރު ކުރަން ޖެހޭ ކަމަށެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން މެދުކަނޑާލައި، ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެން ހުންނެވި ނަޝީދު ވަނީ ކޮމަންވެލްތު ގައުމުތަކުގެ ނޫސްވެރިންގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ކޮމަންވެލްތު ޖާނަލިސްޓްސް އެސޯސިއޭޝަން ކޮންފަރެންސްގެ ޝަރަފްވެރި މެހެމާނުގެ ގޮތުން ބަސްދީގަތުމެއް ދެއްވަން ނިންމައިފަ އެވެ. އެ ކޮންފަރަންސްގައި ނަޝީދު ވާހަކަދައްކަވާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.

ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި އެ ހަފްލާގައި ނަޝީދު ވާހަކަ ދައްކަވާނީ ޑިމޮކްރަސީ ގާއިމުކުރުމުގައި ނޫސްވެރިންގެ ދައުރާ ގުޅޭ ގޮތުންނާއި ކޮމަންވެލްތު ގައުމުތަކުން ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުންނެވެ.