އޭސީސީ

ރެހެންދި ފްލެޓްތައް ބީލަމުގައި ނުވިއްކަން އޭސީސީން އަންގައިފި

މާލޭގެ 363 ނަންބަރު ކޮށި (ޓީވީ ކޮށި) ގައި އިމާރާތްކުރެވިފައިވާ ރެހެންދި ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ލިބޭ ފްލެޓްތައް، ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ވިއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހައުސިން މިނިސްޓްރީއަށް އަންގައިފި އެވެ.

އޭސީސީއިން މިއަދު ބުނީ ހައުސިން މިނިސްޓްރީން މިދިޔަ ހަފުތާ އިއުލާން ކުރި ގޮތަށް ބީލަމުގެ އުސޫލުން އެންމެ މަތީން އަގު ހުށަހަޅާ ފަރާތްތަކަށް ފްލެޓް ވިއްކުމަކީ އެންމެ މަސްލަހަތު ރަނގަޅު އިންސާފުވެރިގޮތް ކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށެވެ.

އެހެންކަމުން، މިނިސްޓްރީން ކުރިން އިއުލާންކުރި ގޮތަށް ފްލެޓް ވިއްކަން ކަނޑައަޅާފައިވާ އަދަދަށްވުރެ ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ފްލެޓް ވިއްކާނެ ފަރާތްތައް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭ ކަމަށާއި އެގޮތަށް އަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ.

މީގެއިތުރުން، ފްލެޓް ގަންނަން އެދޭ ފަރާތުން ފްލެޓަށް ދައްކަންޖެހޭ އަގު ދައްކާނީ ބޭންކުން ލޯނު ނަގައިގެން ކަމުގައިވީނަމަވެސް، މިނިސްޓްރީއަށް ދައްކަންޖެހޭ އަގު ދައްކާނެކަމުގެ ޔަގީންކަން (ބޭންކް ގެރެންޓީ) ބޭންކުން ދޭނަމަ، އެފަރާތަކީ ފައިސާ ދެއްކޭނެ ފަރާތެއްގެ ގޮތުގައި ބެލުމަށްވެސް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށް އޭސީސީއިން ބުނެ އެވެ.