މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވިލިމާލޭގައި ފުލުހަކަށް ވަޅިން ހަމަލާދިން މީހާ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރަން އުޅުމުން ފުލުހަކަށް ވަޅިން ކަމަށް ބުނެ ދައުވާކުރީ މ. ވޭރާ މުހައްމަދު ނަސްރުގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ދައުވާކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގެ ދަށުންނެވެ.
ނަސްރުގެ މައްޗަށް ހުކުމް ކުރަން މިއަދު ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ނަސްރު ހައްޔަރު ކުރުމަށް ފުލުހުން އެގެއަށް އައުމުން ފުލުހުންނަށް "ހޭއަރުވާލާނެ" ކަމަށް ނަސްރު ބުނި އަޑުއިވުނު ކަމަށް އެތަނަށް ދިޔަ ފުލުހުން ހެކިބަސް ދީފައިވާ ކަމަށެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުން އޭނާގެ އަތުގައި އޮތް ވަޅި ފުލުހުންނާ ދިމާލަށް ހޫރަމުން ދިޔަ ކަމަށާއި އަދި އެންމެ ފަހުން އޭގެ ތެރެއިން އެއް ފުލުހެއްގެ ކޮނޑަށް އެ ވަޅި ހެރުނުކަން ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.
އެ ވަޅި ހެރުމުގެ ސަބަބުން އެ ފުލުސް މީހާގެ ކަނާތު ކޮނޑަށް އަނިޔާވެފައި ހުރިކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ވެސް ގާޒީ ބާރީ ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް ގާޒީ ވިދާޅުވީ ދައުލަތުން ނަސްރުގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުވާތީ އެ ގާނޫނުގެ އަށް ވަނަ މާއްދާގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ. އަދި ނަސްރަށް ދިނީ އެކަމަށް އޮންނަ އެންމެ ކުޑަ އަދަބު ކަން ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
"ނަސްރަށް ޝަރީއަތުން މި ކަނޑައެޅީ އެކަމަށް އޮންނަ އެންމެ ލުއި އަދަބުކަން އަޅުގަނޑު ފާހަގަކުރަން. ގާނޫނުގައި އެކަމަށް އޮންނަނީ 10 އަހަރާޢި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް." ގާޒީ ބާރީ ވިދާޅުވި އެވެ.
ނަސްރަކީ ބޮޑެތި އަދަބުތަކާ ހަރުކަށި އުސޫލުތަކެއް ހިމަނައި، ތޫނު ހަތިޔާރުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުތަކުގެ ދަށުން ހުކުމް އައި ފުރަތަމަ މީހާ އެވެ. އެ ގާނޫނު އޮންނަ ގޮތުން އެ ގާނޫނުގައި ބުނާ ހުރިހާ ކުށްތަކެއްގެ މައްސަލަތައް ވެސް ކޯޓަށް ހުށަހެޅޭތާ 30 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.