ހަބަރު

"ހަވީރު" ނެރެން ސަރުކާރުން މާދަމާ މަސައްކަތް ފަށަނީ

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށްވާ "ހަވީރު" ނޫސް ނެރުމަށް މާދަމާ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ، ހަވީރު ނޫހަކީ ހަމައެކަނި އެ ނޫހުގެ ހިއްސާދާރުންގެ ނޫހެއް ކަމަށާއި އެ ނޫސް ނެރުމަށް ސަރުކާރުން މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ގިނަ ދުވަސްވީ ނޫސް ހުއްޓުމަކަށް އައުމަކީ ސަރުކާރުން ބޭނުންވާ ގޮތް ނޫން ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް ވަންނަން ސަރުކާރުން މިހާރު ނިންމާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ހަވީރު ނޫސް އަލުން ނެރުމަށް ސަރުކާރުން ކޮށްދޭނެ މަސައްކަތުގެ ތަފުސީލެއް އުމަރު ނުދެއްވަ އެވެ. ނަމަވެސް އެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ މަޝްވަރާކުރައްވާފައިވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ހަވީރު ނޫސް ނެރުން ހުއްޓާލާފައިވަނީ، ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަކާ ގުޅިގެންނެވެ. އެ އަމުރަށް ސިވިލް ކޯޓުގައި އެދިފައިވަނީ، ހަވީރު ނޫހުގެ 50 ޕަންސެންޓް ހިއްސާ އޮންނަ ދެ ބޭފުޅުން ކަމަށްވާ ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުއާގޭ އިބްރާހިމް ރަޝީދު މޫސާ އެވެ.

ފާރޫގާއި އިބްރާހިމް ރަޝީދު ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދުނީ ހަވީރު ނޫހުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހައިކޯޓުން ކުރި ހުކުމުގައިވާ ހައްގުތައް އެ ބޭފުޅުންނަށް ހޯދައިދިނުމަށް އެދި އެވެ. ހައިކޯޓުން ކުރި ހުކުގައި، ފާރޫގާއި އިބްރާހިމް ރަޝީދާ ކޮންމެ ބޭފުޅަކަށް ފައިދާގެ ހަތަރު ބައިކުޅަ އެއް ބައި ދިނުމަށް ވަނީ އަންގާފައިވެ އެވެ.

އެ އަމުރުގައި ނޫސް ހުއްޓާލުމަށް އަންގާފައި ނެތް ނަމަވެސް އެ ނޫސް ޕްރިންޓްކޮށްގެން ނެރުމާއި އޮންލައިން ވަނީ ހުއްޓާލާފަ އެވެ.