ފުލުހުންނަށް ރައްކާތެރިކަން ދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި އެމީހުނާއި ދިމާކޮށް ބެހޭ މީހުނަށް އޭގެ ރައްދު ވަރަށް ހިތިކޮށް ގާނޫނުގެ ތެރެއިން ދޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ފުލުހުންނަށްކީ ދިވެހި ރާއްޖޭގެ އަމަން އަމާންކަން ގާއިމް ކުރަން އެންމެ ކުރީ ސަފުގައި ތިބެ، ހުރިހާ ނުރައްކަލަކާއި ކުރިމަތިލާން ތިބި މީހުން ކަމަށާއި އެހެން ކަމުން އެމީހުންގެ ރައްކާތެރި ކަމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ ފުލުހުނަށާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކައިފި ނަމަ، ސަރުކާރުގެ ފަރާތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެބަޔަކާއި މެދު އަޅާނެ ކަމަށާއި އެ ފިޔަވަޅު އެޅުމަށް ހުއްޓުވަން މަސައްކަތް ކުރާ ބަޔަކާއި ދޭތެރޭގައި ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
"އެހެންވީމަ ފުލުހުންނަށް އަނިޔާދީ އެމީހުންގެ އާއިލާތަކަށް ބިރުދެއްކޭ ގޮތަށް އަޅުގަނޑު ހޯމް މިނިސްޓްރު ކަމަށް ހުއްޓައި އެންމެ ކަމެއް ވެސް ނުކުރެވޭނެ. އެމީހުންގެ ރައްކާތެރިކަން ސަރުކާރުން އެންމެ ފުރަތަމަ އިސްކަން ދޭނީ ފުލުހަކަށް ހަމަލާ ދީފިއްޔާމުން އޭގެ ރައްދު ވަރަށް ހިތިކޯށް ހަމަލާ ދިން މީހަކާއި ދިމާލަށް އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދެ ގޭންގު ދެމެދު ހިނގި ހަމަނުޖެހުމަށް ހުއްޓުވުމަށް ފުލުހުން ހިނގި އޮޕަރޭޝަނެއް ތެރޭގައި މަސްއޮޑިގެޔަށް ފުލުހުންގެ ބަޔަކު ވަދެ އަނިޔާ ކުރި މައްސަލައަށް އިޝާރަތްކޮށް ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުން އެއްވެސް ކަމަކާއި ނުލާ ބަޔަކާއި ދޭތެރޭގައި ފިޔަވަޅެއް ނާޅާނެ ކަމަށާއި އަދި ފުލުހުންގެ ނިންމުން ހޯމް މިނިސްޓްރީ އިން ދިފާއުވެސް ކޮށްދޭނެ ކަމަށެވެ.
"ފުުހުކަށް ހަމަލާ ދީގެން އެއްގޮތަކަށް ވެސް ހީނުކުރާތި އޭގެ ރައްދު ނާންނާނެ އޭ. އޭގެ ގާނޫނީ ރައްދު އެމީހުނަށް ލިބޭނެ. ދާދި ފަހުން ހިނގި އެ ހާދިސާ [މަސްއޮޑިގެޔަށް ވަދެ ތަޅައިގަތް ހާދިސާ] އަކީ ވެސް އެއީ އެ ރައްދު ކަމަށް ދެކެން،" އުމަރު ވިދާޅުވި އެވެ.