ދުނިޔެ

އަސަދުގެ ކޯލިޝަނުން ހަމަލާތައް އާކޮށްފި

ސީރިޔާގެ ދާހިލީ ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފަ އޮއްވާ، އަސަދުގެ ސަރުކާރުގެ ކޯލިޝަނުން ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.

ސީރިޔާގެ ސަރުކާރު ކޯލިޝަނުން ހަމަލާތައް އާ ކޮށްފައިވަނީ، ހަނގުރާމަ ސުލްހަވެރިކަމާއެކު ނިންމާލުމުގެ މަގްސަދުގައި ޖެނީވާގައި ބާއްވަން އޮތް ޕީސްޓޯކްސް އަލުން ފެށުމުގެ އެއްދުވަސް ކުރިންނެވެ. ހަމަލާތައް އާ ކޮށްފައިވާ އިރު، ކުރިޔެކޭވެސް އެއްފަދައިން ގިނައިން ހަމަލާދީފައިވަނީ އެލެޕޯގެ އުތުރު ހިސާބަށެވެ.

އަސަދުގެ ސަރުކާރު ކޯލިޝަނުން ހަމަލާތައް އާ ކުރުމުގެ ސަބަބުން، މިހާރު ވަނީ ހަނގުރާމަ މެދު ކަނޑާލަން ރަޝިޔާ އަދި އެމެރިކާއިން ހެދި އެއްބަސްވުން ނެތިދާނެ ކަމުގެ ބިރު ބޮޑުވެފަ އެވެ. އަދި ޕީސް ޓޯކްސްގެ ކުރިން، އިދިކޮޅު ހަނގުރާމަވެރިން، ސަރުކާރު ކޯލިޝަނުގެ ހަަމަލާތަކަށް ރައްދެއް ދީފިނަމަ، ހަނގުރާމަ އަލުން ފެށި ، އަނެއްކާވެސް އާންމުންނަށް ގެއްލުން ލިބޭނެ ކަމުގެ ބިރު ވަރަށްވެސް ބޮޑުވެފައިވާ ކަމަށް ހަނގުރާމަ މޮނިޓާ ކުރަމުން އަންނަ އޭޖެންސީތަކުން ބުނެ އެވެ.

އދ. ގެ ސްޕެޝަލް އެންވޯއީ ވިދާޅުވީ ޕީސްޓޯކްސް ބޭއްވުން މުހިންމު ކަމަށާއި ޕީސްޓޯކްސްގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.