ހަބަރު

އެމްޕީއެލްއަށް ޑޮލަރު ގަތް މައްސަލާގައި ޒިޔަތަށް ވެސް ދައުވާކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، އެމްޕީއެލްއަށް ފަސް މިލިއަން ޑޮލަރު ހޯދައިދިނުމުގައި އެ ކޯޕަރޭޝަންގެ ހިންގާ ގަވައިދާ ހިލާފަށް ކަމަށްވާތީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވައިފި އެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު، އޭސީސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައިގެން ވިޔަފާރިކޮށްފައިވާ ކަމަށާއި، އެގޮތުން އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެމްއެމްޕީއާރުސީގެ ނަމުގައި ހަތަރު މަސް ދުވަހުން ޑޮލަރު އަދާކުރާ ގޮތަށް ނެގުމަށްފަހު، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ދޫކޮށްފައިވާ ކަމަށެވެ. މީގެއިތުރުން އެމްޓީޑީސީ އިން އެއް މިލިއަން ޑޮލަރު ހަމަ އެ އުސޫލުން ނެގުމަށްފަހު އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެމްއެމްޕީއާރްސީ އިން އެ ފައިސާ ދީފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ޑޮލަރު ވިއްކުމުގެ ނަމުގައި އެމްޕީއެލް އިން ފައިސާ ހޯދުމަށްފަހު ޑޮލަރު ގަތުމުގެ ނަމުގައި އެ ފައިސާ އަމިއްލަ ކުންފުނިތަކަށް ދޫކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާ ހިލާފަށް އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުއްދަނެތި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަމަށެވެ.

މަނިޓަރީ ގަވާއިދުގެ ތިން ވަނަ މާއްދާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތި ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މުއާމަލާތްކުރިއިރު، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އޭސީސީއިން ބުނީ، އެމްއެމްޕީއާރްސީ އަށް ފައިސާ ދޭންޖެހޭ ކުންފުނިން އެމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، ޖުރިމާނާވާނެކަމަށާއި، އަދި އެއްބަސްވުމަށް އިތުރު ބަދަލެއް ގެނެވޭނީ ދެފަރާތުން ލިޔުމުން އެއްބަސްވެގެންކަމަށް ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، ޖޫރިމަނާއަކާ ނުލައި ޑޮލަރު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދީފައިވަނީ އެމްއެމްޕީއާރްސީގެ ކުންފުނީގެ ޑިރެކްޓަރު ބޯޑުގެ ބަހެއްނެތި، ޒިޔަތު ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެ ފައިސާތައް ދޫކުރުމުގައި އެ ދެ ކުންފުންޏަކީ މާލީ ގޮތުން ގާބިލު ކުންފުނިތަކެއްތޯ ބަލާފައި ނެތް ކަމަށެވެ. އަދި އެ ދެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ އެޑްވާންސްކޮށް ދޫކޮށްފައިވާއިރު އެމްއެމްޕީއާރްސީއަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ރިސްކަށް ބަލާފައި ނުވާ ކަމަށެވެ. ޑޮލަރުގެ ބޮޑެތި މުއާމަލާތް ހިންގޭވަރުގެ ގާބިލް ކުންފުނިތައް ރާއްޖޭގައި ހުރި، އެފަދަ މުއާމަލާތެއް އަމިއްލަ ދެ ކުންފުންޏަކާއެކު ކޮށްފައިވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އެނގެން ނެތް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ދެކުންފުނީގެ ތެރެއިން އެއްކުންފުނިން އެމްއެމްޕީއާރްސީއަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެއްމިލިއަން ޔޫއެސް ޑޮލަރާއި، ލޯނުގެ ގޮތުގައި އިންޓްރެސްޓާއެކު އަނބުރާ ދައްކާގޮތަށް އެއްކުންފުންޏަށް ދިން ފައިސާއަށް ދައްކަންޖެހޭ އެއްމިލިއަން އެއްލައްކަ ސާޅީސްހަތްހާސް ޔޫއެސް ޑޮލަރު އެ ދެ ކުންފުނީގެ ފަރާތުން އެހެން ފަރާތަކުން ދައްކާފައިވާކަމަށް ޒިޔަތު ބުނެފައިވީނަމަވެސް، އެފަރާތުން އެމްއެމްޕީއާރްސީ އަށް ހަމައެކަނި ދައްކާފައިވާ ޕޭމަންޓަކީ ރަށެއްގެ އިކުއިޒިޝަން ކޯސްޓުކަމާއި، އެ ނޫން އެއްވެސް ފައިސާއެއް އެމްއެމްޕީއާރްސީ އަށް ދައްކާފައިނުވާކަމަށް އެފަރާތުން ބުނެފައިވޭ،" ބަޔާނުގައިވެ އެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސޮއިކޮށް އެމްޓީޑީސީ އަށް ފޮނުވާފައިވާ ނޯޓުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ހަރަކާތްތަކަށް ބޭރުގެ ފަރާތްތަކަށް ވަރަށް އަވަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީ އަށް އެއްމިލިއަން ޔޫއެސް ޑޮލަރު ބޭނުންވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި މުއްދަތުގެ ތެރޭގައި އެމްއެމްޕީއާރްސީ އިން ކުއްލިގޮތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާ އޮތްކަން އެގެންނެތް ކަމަށެވެ. އަދި އެމްއެމްޕީއާރްސީން މި ފައިސާ ހޯދުމަށްފަހު ލޯނެއްގެ ގޮތުގައި ޕްރައިވެޓް ކުންފުންޏަކަށް ދޫކޮށްފައިވުމުން، އެމްޓީޑީސީ އިން މި ފައިސާ ހޯދާފައިވަނީ އެކުންފުންޏަށް ލޯނެއްގެ ގޮތުގައި ދޫކުރުމުގެ ނިޔަތުގައި ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ބަޔާނުގައިވެ އެވެ.

މި މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވެސް އޭސީސީއިން ވަނީ ޕީޖީއަށް މިއަދު ފޮނުވާފަ އެވެ.