ހައި ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން ފަނޑިޔާރުކަމުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ކުރިން އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި އާއިލާއާ ބެހޭ ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ފަނޑިޔާރު ޔޫސުފް ރިޓަޔާ ކުރެއްވި އޭނާ އަމިއްލަ އެދިވަޑައިގަތުމުގެ މަތިންނެވެ. އަމިއްލައަށް ރިޓަޔާވެ ވަޑައިގަތުމާ އެކު އޭނާ ފަނޑިޔާރުކަމުގައި މަސައްކަތް ކުރެއްވި މުއްދަތަށް ބަލައި، މުސާރައިގެ ވަކި ޕަސެންޓެއް އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބިވަޑައިގަންނަވާނެ އެވެ.
ސެޕްޓެމްބަރު 2010 ގައި ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ޔޫސުފް އެ ކޯޓުން ރިޓަޔާ ކުރެއްވުމާ އެކު އެ ކޯޓުން ދެ ފަނޑިޔާރަކު މަދުވީ އެވެ. ކުރިން އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމުން އޭނާ ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.
ހައި ކޯޓުން ދެ ފަނޑިޔާރަކު މަދުވެފައިވާއިރު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަންޖެހޭ ހައި ކޯޓުގެ ކޮންމެ ގޮއްޕަކަށް ހަމަވާ މިންވަރަށް ހައި ކޯޓުގައި ފަނޑިޔާރުން މިހާރު ހަމައެއް ނުވެއެވެ. އެ އިސްލާހު ބުނާގޮތުން ކޮންމެ ގޮއްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސައި، މާލޭގެ ހައި ކޯޓުގައި ވެސް ތިން ފަނޑިޔާރުން ތިބެންޖެހޭއިރު މިހާރު އެ ކޯޓުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ.