ހަބަރު

އަބުރުގެ ބިލްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ރައީސް އެދިވަޑައިގެންފި

"އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ބިލް"އާމެދު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންފައިވާއިރު، ރޭ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަބުރާ ގުޅޭ ގޮތުން ހުށަހަޅާފައި އޮތް ބިލަކީ ސަރުކާރާ މަޝްވަރާ ކުރެވިގެން ޑްރާފްޓް ކޮށްފައިވާ ބިލެއް ނޫން ކަމަށާއި، މީޑިއާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ތެރޭގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ސީދާ ގެ ނިންމެވުމެއްގެ ދަށުން މީޑިއާއަށް ދަތި ނުވާނެ ގޮތަށް ބިލް އަލުން ޑްރާފްޓް ކުރުމަށް ތިން ވަޒީރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ނަގައި އެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މީޑިއާތަކުގެ ހުރި ކަންބޮޑުންތައް ބަލައި، އެކަންކަން ބިލުން އުނިކުރަން މަސައްކަތް ކުރަމުން، ސަރުކާރުގެ ރައިސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ސަރުކާރުގެ އެންމެ އިސް ތިން ވަޒީރަކު މިވަނީ މިކަމަށް އައްޔަންވެފައި، އަދި މިހާރު މި ބިލް އަލުން ރީ ޑްރާފްޓްކުރުމުގެ މަސައްކަތް ސަރުކާރުގެ ތެރެއިން އެބަ ހިނގާ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، އަލުން ބިލް ޑްރާފްޓް ކުރެވިގެން އަންނަ އިރު ހުރިހާ ކަންބޮޑުވުންތަކަކަށް ވެސް ހުންނާނީ އެޑްރެސް ކުރެވިފައި ކަމަށެވެ. މިހާރު އޮތް ގޮތަށް ހަރުކަށިކޮށް އެ ބިލް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް މީޑިއާ އިން ވެސް ޒިންމާދާރުކޮށް މައުލޫމާތު ފެތުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަބުރާ ގުޅޭ ބިލްގައި މިހާރު އޮތް ގޮތުން އިސްލާމް ދީނާ ހިލާފަށް ހިޔާލުފާޅު ކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާއިން ޝާއިއުކޮށް މީހެއްގެ އަނބުރު ގެއްލުވާލައިފި ނަމަ، ޖޫރިމަނާ ކުރުމުގެ އިތުރަށް އެ މީޑިއާއެއްގެ މައްސަލަ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ފިޔަވަޅު އެޅުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.

ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން އިހުތިޖާޖުކޮށް، ސްޕްރީމް ކޯޓަށާއި ރައީސް އޮފީސް އަދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.