ޕްރައިވެޓް ކުންފުންޏަކަށް ދޭންނުޖެހޭ ފައިސާތަކެއް ހޯދައިދިނުމަށް މަސައްކަތްކުރި މައްސަލައެއްގައި އެމްޕީއެލްގެ ފަރާތުން އެ މައްސަލާގައި ވަކާލާތުކުރި ވަކީލުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީން މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕްރައިވެޓް ކުންފުންޏަކުން ޓަގުބޯޓެއް ބަނދެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ސަޕްލައިކުރުމަށް ހިންގި ޕްރޮޖެކްޓާ ގުޅިގެން އޭސީސީން ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނީ، އެ ޕްރޮޖެކްޓާ ގުޅިގެން ކުންފުނިން ހޯދަންއެދޭ ފައިސާއާ ގުޅޭގޮތުން އެކުންފުނިން 2015 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި ދައުވާއާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ތަމްސީލްކުރަން ދިޔައީ އެކުންފުނީގެ ޤާނޫނީ ވަކީލު ކަމަށެވެ. އަދި އެ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ޕްރައިވެޓް ކުންފުނީގެ ސިޓީ ކޯޓަށް ހުށަހެޅީ އެމްޕީއެލްގެ ޤާނޫނީ ވަކީލު ކަމަށްވާއިރު، މައްސަލައާއި ގުޅިގެން ވަކީލު ކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއެޓް މެމޯ އާއި ސިޓީއަކީ އެމްޕީއެލްގެ ބޯޑަށް ނޭނގި ހުށަހެޅި ލިޔުންތަކެއްކަން ތަހުގީގަށް އެނގުނު ކަމަށެވެ.
އެ މައްސަލާގައި އެމްޕީއެލްގެ ފަރާތުން ވަކީލު ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ޕްރައިވެޓް ކުންފުނީގެ ސިޓީގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު އެމްޕީއެލްގެ މައްޗަށް ހުކުމްކުރީ ފައިސާ ދިހަ ދުވަހުގެ ތެރޭގައި ކުންފުންނަށް ދައްކައި ހަލާސްކުރުމަށެވެ.
އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ، އައިޑަލް ޗާޖްއާއި އަދި ވެސް ދައްކަންޖެހޭ އިތުރު ޗާޖުތައް އިންވޮއިސްގައި ބުނެފައިވާ މުއްދަތަށް ފޮނުވާފައިނުވާތީ، ޖީއެސްޓީއަށް ވާ ފައިސާއާ އެކު ޖުމްލަ 21 މިލިއަން އެއްލައްކަ ތޭވީސް ހާސް ރުފިޔާ ހޯދަން އެދިފަ އެވެ. ނަމަވެސް، އެ މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި ވަކި ގޮތަކަށް ނިންމުމަށް އެ ކުންފުނިންނާއި، އެމްޕީއެލުން އެއްބަސްވެފައިވާތީ، ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ދައުވާކުރާ ފަރާތުން ދައުވާލިބޭ ފަރާތަށް ދޭ ލުޔެއްގެ ގޮތުގައި ދެމިލިއަން ރުފިޔާ އުނިކުރުމުން އެމްޕީއެލުން އެ ކުންފުންޏަށް ދޭންޖެހުނީ 11 މިލިއަން ތޭވީސް ހާސް ރުފިޔާ އެވެ.
އެމްޕީއެލުން ބުނީ، އެމްޕީއެލްގެ ވަކީލް ކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު ސެކްރެޓޭރިއޭޓްގެ އެހެން މެމޯތަކުގެ ފުޓާ އާއި ހެޑާ އަދި ފޮންޓް ސައިޒްގައި ވަރަށް ބޮޑު ތަފާތުކަމެއް ހުރި ކަމަށް ތަހުގީގުން އެނގުނު ކަމަށެވެ. އަދި ޓަގުބޯޓު މައްސަލައާ ގުޅިގެން އެމްޕީއެލްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯގައި ކޮށްފައިވާ ސޮޔާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޯޑު ސެކްރެޓޭރިއޭޓް އެހެން މެމޯތަކުގައި އެކުންފުނީގެ ކުރީގެ ސީއީއޯ ކޮށްފައިވާ ސޮއި ވެސް ތަފާތުކަމަށެވެ.
އޭގެ އިތުރުން މެމޯގައި ޓަގު ބޯޓު މައްސަލައާ ގުޅިގެން ހޯދަން އެދޭ ފައިސާ އެފަރާތަށް ދިނުމަށް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް އެކުންފުނީގެ 2015 ވަނައަހަރުގެ ބޯޑް ރިސޮލިއުޝަންތަކުން އެފަދަ ނިންމުމެއް އެކުންފުނިން ނިންމާފައިވާކަން އެނގެން ނެތްއިރު އެ ލިޔުންތަކަކީ ސައްހަ ނޫން ލިޔުންތަކެއްކަން ޔަގީންވާ ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލާގެ ހުރިހާ މަރުހަލާއެއްގައިވެސް އެމްޕީއެލްގެ ބޯޑުން ވަނީ ފައިސާ ދޭން ދެކޮޅު ހަދާފަ އެވެ.