ސަލްޓަންސް އޮފް ދަ ސީސް އިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވާލި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރު ފަހުން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބާއްވަން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00 ގައި ބާއްވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އާއިލީ މަސްލަހަތު އޮންނަ ސަލްޓަންސް ކުންފުނިން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވާލުމުން ކަސްޓަމްސުން އެ ކުންފުނި 110 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އެވެ.
އެ މައްސަލައިގައި އެ ކުންފުނި 110.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި ކުރުން ރަނގަޅު ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް 2011 ގައި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އެހެންވެ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ދައުލަތުންނެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ ޖޫން، 2012 ގަ އެވެ. އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ބަދު އަޚުލާގީ މައްސަލައެއް ތުހުމަތު ކުރެވިފައިވާ އަދި ޖުޑިޝަލް ސާވިސްގެ ކޮމިޝަންގެ ރައީސް ކަން ވެސް މިހާރު ކުރައްވާ ފަނޑިޔާރު އަލީ ހަމީދެވެ. އޭނާގެ އިތުރުން ދެން އެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.