ވިޔަފާރި

މިދިޔަ މަހު ޖީއެސްޓީން ލިބުނު އާމްދަނީ 24 ޕަސެންޓް ދަށް؟

  • މިދިޔަ މަހު ޖީއެސްޓީ ލިބުނީ 562 މިލިއަން ރުފިޔާ
  • މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 742 މިލިއަން ރުފިޔާ
  • ގްރީން ޓެކުހުން މިދިޔަ މަހު 66 މިލިއަން ރުފިޔާ

މިދިޔަ މަހު ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް، ޖީއެސްޓީން ލިބުނު އާމްދަނީ 24 ޕަސެންޓް ދަށަށް ގޮސްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖީއެސްޓީން އާމްދަނީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 562 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ލިބުނީ 742 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 24.2 ޕަސެންޓް ދަށް އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އަންދާޒާ ކުރި އަދަދަށް ވުރެ 1.9 ޕަސެންޓް ދަށްވުމެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ޖުމްލަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 1.10 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ދައުލަތައް ލިބުނު ޖުމްލަ އާމްދަނީ ވަނީ 13.7 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދީގެން ނަގާ ޓެކްސް (ޓޫރިޒަމް ލޭންޑް ރެންޓް) ގެ ގޮތުގައި 277.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 64.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް މިދިޔަ މަހު 66 މިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 52.2 މިލިއަން ޑޮލަރެވެ.