ހަބަރު

ޗިލީގައި އެބޯޝަން ހުއްދަކުރަން އެ ގައުމުގެ ރައީސް ހުށަހަޅުއްވައިފި

އެބޯޝަން ހެއްދުން މުޅިން މަނާކޮށްފައި އޮންނަ ޗިލީގައި ވަކި ހާލަތްތަކެއްގައި އެބޯޝަން ހުއްދަ ކުރުމާ ބެހޭ ބިލެއް އެ ގައުމުގެ ރައީސް މިޝޭލް ބެޝެލެޓް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޗިލީއަކީ 1989 ވަނަ އަހަރުން ފެށިގެން އެބޯޝަން މުޅިން މަނާކޮށްފައި އޮންނަ ގައުމެކެވެ. އެބޯޝަން ހެއްދުމަކީ ފަސް އަހަރާ ހަމައަށް ޖަލު ހުކުމްތައް އަންނަ ކުށަކަށް ވެސް އެ ގައުމުގެ ގާނޫނުތަކުގައި ވަނީ ހިމަނައިފަ އެވެ.

ރައީސް މިޝޭލް މިހާރު ހުށަހެޅުއްވި އެ ބިލްގައިވާ ގޮތުން މައިމީހާގެ ފުރާނައަށް ނުރައްކާވާ ހާލަތުގައި ނުވަތަ ފަރުވާ ނުކުރެވޭ ފަދަ އައިބެއް ތުއްތު ކުއްޖާގެ ގައިގައި ހުރެދާނެ ކަމަށް ބެލެވޭ ނަމަ ނުވަތަ ރޭޕްކޮށްގެން ބަލިވެ އިންނަ ހާލަތުގައި އެބޯޓް ކުރުން ހުއްދަ ކުރެވޭނެ އެވެ.

އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ މައިމީހާގެ ބަނޑަށް 12 ހަފުތާވުމުގެ ކުރިން އެބޯޓް ކުރުން ހުއްދަވާ ގޮތަށް ހިމަނާފައިވާއިރު އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ 18 ހަފުތާވުމުގެ ކުރިން އެބޯޓް ކުރުން ހުއްދަވާ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެބޯޝަން މުޅިން މަނާކޮށްފައި އޮންނަ ހައެއްކަ ގައުމުގެ ތެރޭގައި ހިމެނޭ ޗިލީގައި އެބޯޝަން ހުއްދަކުރަން އެ ގައުމުގެ ރައްޔިތުން ތާއީދުކުރާ ނަމަވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަށް ތާއީދު ކުރާނެ ކަމަކަށް ނުބެލެވެ އެވެ. މީގެ ކުރިން ވެސް އެބޯޝަން ހުއްދަކުރަން ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހެޅި ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އެ ބިލްތައް މަޖިލީހުން ބޭރުކޮށްލަ އެވެ.