ގެމަނަފުށި

ގެމަނަފުށީ ހައުސިން ޔުނިޓްތަކަށް އެދެން ހުޅުވާލައިފި

ގއ. ގެމަނަފުށީގައި އަޅާގައިވާ ހަތަރު ހައުސިން ޔުނިޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގެމަނަފުށީގައި އަޅާފައިވާ ހަތަރު ހައުސިން ޔުނިޓް ދޫކުރަން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 19 ގެ ކުރިން ގެތަކަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އެރަށު ކައުންސިލަށް ހުށަހެޅުމަށެވެ.

ގެމަނަފުށިން ދޫކުރާ ހައުސިން ޔުނިޓްތަކަށް އެދޭ ފަރާތަކީ، އުމުރުން 21 އަހަރު ފުރިފައިވާ އެރަށުގެ ރައްވެއްސެއް، ނުވަތަ ގއ. ދިޔަދޫ އިން އެރަށަށް ހިޖުރަކުރި ރަށްވެއްސަކަށް ވާންޖެހެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި އަމިއްލަ ނަމުގައި ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނެތް މީހަކަށް ވުމާއި، ގޯއްޗެއް އޮތް ނަމަ އެ ގޯއްޗަކީ 600 އަކަ ފޫޓަށް ވުރެ ކުޑަ ގޯއްޗަކަށް ވެފައި އެ ގޯތި ބެހެނިވެރިންނަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ވާންޖެހޭ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

" 600 އަކަފޫޓަށްވުރެ ކުޑަ ބޯހިޔާވަހިކަމެއް ނުވަތަ ގޯއްޗެއް ލިބިފައިވާނަމަ މި ބޯހިޔާވަހިކަން އަދި ގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މިބޯހިޔާވަހިކަން ނުވަތަ ގޯއްޗަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން، ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަމެއް ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި ވިއްކާލައި މީހަކަށްދީ ހަދާފައިނުވުން.،" އިއުލާނުގައި ބުންޏެވެ.

އެ މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުން އެޑްވާންސްގެ ގޮތުގައި އެއްފަހަރާ 19،000ރ. ދައްކަންޖެހޭނެ ކަމަށެވެ. އަދި ބާކީވާ ބައި މަހަކު 2500ރ. ގެ ރޭޓުން ދައްކަމުން ގޮސް ވިހި އަހަރުގެ ތެރޭގައި ފައިސާ ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށެވެ.