ގއ. ގެމަނަފުށީ ކޯޓުން ބަންޑާރަ ނައިބުގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދުނު މައްސަލައެއްގެ ލިޔުންތައް ހައިކޯޓުގެ ދެކުނު ގޮތްޕަށް ފޮނުވުމުގައި އިހުމާލުވެފައިވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
މިގޮތަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ހައުސިން ޔުނިޓްތަކެއްގެ މައްސަލާގައި އަބްދުﷲ ޒުބައިރު ކިޔާ މީހަކާ ދެކޮޅަށް ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެއްގެ ހުކުމްގަ އެވެ.
މި މައްސަލައަކީ ހައުސިން މިނިސްޓްރީއިން ކުރިމަތިލާން ހުޅުވާލި ގެމަނަފުށީގެ ހަތަރު ހައުސިން ޔުނިޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓްގައި އަބްދުﷲ ޒުބައިރު ނުހިމެނުމުން އޭނާ ގެނަމަފުށީ ކޯޓަށް ހުށަހެޅި މައްސަލައެވެ. ޒުބައިރަކީ އެއް ފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ގއ. ދިޔަދޫއިން ގެމަނަފުއްޓަށް ބަދަލު ކުރަން ނިންމި މީހެކެވެ.
ނަމަވެސް އޭނާ ވަނީ ސަރުކާރުގައި އެދިގެން ގެމަނަފުށީގައި އޭނާއަށް އަޅައިދިން ޔުނިޓް ދޫކޮށްލުމަށް ކޮނޑޭއަށް ބަދަލުވާން އެދިފަ އެވެ. އެހެންވެ ސަރުކާރުން ވަނީ އޭނާއަށް އެ ރަށުގައި ގޯއްޗެއް ކަނޑައަޅައި ތިން ލައްކަ ރުފިޔާ ދީފަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ފައިސާއިން ކޮނޑޭގައި އޭނާ ގެ އިމާރާތްކޮށްފައެއް ނުވެ އެވެ. އެހެންވެ އެ ގޯތި ފަހުން ވަނީ ކޮނޑޭ ރަށު އޮފީހުން އެހެން މީހަކަށް ދީފަ އެވެ.
ގެމަނަފުށީގައި ބާކީވި ހަތަރު ހައުސިން ޔުނިޓަށް ހުޅުވާލުމުން ހަތް މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި ހިމެނޭ ޒުބައިރުގެ ނަން ހައުސިން މިނިސްޓްރީއިން ބާތިލް ކުރީ، އޭނާއަށް ގޯއްޗެއް ކަނޑައި ފައިސާ ދީފައިވާތީ އެވެ. އެ ޔުނިޓްތަކަށް ޝަރުތެއްގެ ގޮތުގައި އެހެން އެއްވެސް ރަށެއްގައި އެމީހެއްގެ ނަމުގައި ބޯހިޔާވަހިކަމެއް ނެތް އަދި ގޯއްޗެއް ދީފައިނުވާ މީހަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ޒުބައިރުގެ ނަން ލިސްޓުން އުނިކޮށް، އެހެން ހަތަރު މީހަކަށް ހައުސިން ޔުނިޓްތައް ދޭން ނިންމުން ޒުބައިރު ކޯޓަށް ދިޔައީ އެކަން ހުއްޓުވައިދިނުމަށެވެ. ގެމަނަފުށީ ކޯޓުން ވަނީ ޒުބައިރުގެ ދައުވާއަށް ތާއިދުކޮށް، އެ ހަތަރު ހައުސިން ޔުނިޓާ ގުޅޭ ގޮތުން ނިންމާފައިވާ ހުރިހާ ނިންމުމެއް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. އެހެންވެ އެ ހަތަރު ޔުނިޓް މިހާތަނަށް ވެސް އޮތީ އެއްވެސް ފަރާތަކަށް ހަވާލު ނުކުރެވި އެވެ.
މި މައްސަލަ ގެމަނަފުށީ ކޯޓުން ނިންމީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމައި އެކަމަށް އެދޭ ފޯމް އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުން ގެމަނަފުށީ ކޯޓަށް ފޮނުވި އެވެ. ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފު ކުރަން ދައުލަތުން ބޭނުންވާނަމަ ފޯމް ހުށަހަޅަން ޖެހޭނީ އެ ކޯޓަކަށެވެ. މަތީ ކޯޓަށް މައްސަލައިގެ ލިޔުންތައް ފޮނުވަން ޖެހޭނީ އެ ކޯޓަކުންނެވެ.
އިސްތިއުނާފު ކުރުމުގެ 10 ދުވަހުގެ މުއްދަތުގެ ތެރެގައި އެކަމަށް އެދުމުން ދަށު ކޯޓުން މަތީ ކޯޓަށް ހަތް ދުވަސް ތެރޭގައި ލިޔުންތައް ފޮނުވަން ޖެހޭނެ ކަމަށް މިފަހުން އިސްތިއުފާނު ކުރުމުގެ އުސޫލަށް ސުޕްރީމް ކޯޓުން ގެނައި ބަދަލުގައިވެ އެވެ. މި މައްސަލާގެ ލިޔުންތައް ގެމަނަފުށީ ކޯޓުން ހައިކޯޓު ދެކުނު ގޮއްޕަށް ފޮނުވާފައިވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަހަރެއް ފަހުންނެވެ. އެކަން ކުށްވެރިކޮށް މައްސަލާގައި ހައިކޯޓު ދެކުނު ގޮފިން ކޮށްފައިވާ ހުކުމްގައި ބުނީ ދަށު ކޯޓުން ހައިކޯޓަށް ލިޔުންތައް ފޮނުވަން ޖެހޭ މުއްދަތާމެދު އިހުމާލެއް އޮތްކަން ބެލެވޭ ދަރަޖައަށް ލަސްވެފައިވާ ކަމަށެވެ.
މި މައްސަލާގައި ހައިކޯޓު ދެކުނު ގޮފިން ހުކުމްކޮށްފައިވަނީ ދައުލަތާ އެއްކޮޅަށެވެ. ގެމަނަފުށީ ކޯޓުގެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.
ހުކުމްގައި ބުނެފައިވަނީ ހަތަރު ހައުސިން ޔުނިޓާ ގުޅޭ ގޮތުން ނިންމާފައިވާ ހުރިހާ ނިންމުމެއް ބާތިލް ކަމަށް ގެމަނަފުށީ ކޯޓުން ކަނޑައަޅާފައިވަނީ އެކަމަށް އަބްދުﷲ ޒުބައިރު ވެސް އެދިފައިނުވަނީސް، ސުޕްރީމް ކޯޓުގެ ނިންމުންތަކާ ހިލާފަށް ކަމަށެވެ. އަބްދުﷲ ޒުބައިރަށް ކޮނޑޭއިން ގޯއްޗެއްދީ، ފައިސާ ދީފައިވާކަން ސާބިތުވާން އެބަ އޮތުމުން އޭނާއަކީ ޝަރުތު ފުރިހަމަ ނުވާ މީހެއް ކަމަށް ކަނޑައަޅައި ޒުބައިރުގެ ފޯމް ހައުސިން މިނިސްޓްރީއިން ބާތިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.
މި ހުކުމް ކުރައްވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.