އޭސީސީ

އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުން މިފަހަރު ފުވައްމުލަކުގައި

މިއަހަރުގެ ގައުމީ އެންޓި ކޮރަޕްޝަން ދުވަސް ޏ. ފުވައްމުލަކުގައި ފާހަގަކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ގައުމީ އެންޓި-ކޮރަޕްޝަން ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 21 އެވެ. އެދުވަހަކީ ރާއްޖޭއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތް ރަސްމީ ސިފައެއްގައި ފެށުމުގެ ގޮތުން 21 އެޕްރީލް 1991 ގައި މުއައްސަސާއެއް އުފައްދައި މަސައްކަތް ފެށި ދުވަހެވެ.

މިއަހަރުގެ އެންޓިކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަކުރަން ނިންމާފައިވާ އިރު، އޭސީސީން ވަނީ އެންޓި ކޮރަޕްޝަން ދުވަހު އެރަށުގައި ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގެ ހަނދާނީ ބިނާއެއް ބަހައްޓަން ނިންމާފަ އެވެ.

އޭސީސީ އިން ބުނީ އެންޓި ކޮރަޕްޝަން ދުވަސް ފުވައްމުލަކުގައި ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވަމުން ގެންދާ ކަމަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ފުވައްމުލަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުއިޒް މުބާރާތެއް ފަށާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ. މީގެ އިތުރުން ސްކޫލްކުދިންގެ ގުރުއާން މުބާރާތަކާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ކޮރަޕްޝަން އާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމާއި، އެރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އޭސީސީގެ މުވައްޒަފުންނާ ދެމެދު ބަހުސެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

"މީގެއިތުރުން، ފުވައްމުލަކުގައި ކުރިއަށްގެންދާ ހަރާކާތްތައް ނިންމާލުމަށްފަހު މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ބަލާއިރު، ކުޑަކުދިންގެ ހިޔާގައި ހަވީރެއް ބޭއްވުމުގެ އިތުރުން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދެވޭނެ،" އޭސީސީން ބުންޏެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަކުރުމަކީ ކޮރަޕްޝަން ނައްތާލައި ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އޭސީސީން ބުންޏެވެ.