ވިޔަފާރި

ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅޭތަން އެބަފެނޭ: މައްލާ ނާސިރު

  • ޑޮލަރު ލިބުމުގައި ލުއިތަކެއް އެބަ ލިބޭ
  • ގައުމުގައި ހަމަ ޖެހުން އޮތުން މުހިންމު
  • ވިޔަފާރި އަންނަނީ ރަނގަޅުވަމުން

ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅެމުންދާތަން ފެންނަމުންދާ ކަމަށް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ ލިލީ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިރު (މައްލާ ނާބެ) ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މައްލާ ނާސިރު ވިދާޅުވީ ގައުމު ހަމަ ހިމޭންކޮށް އޮންނަމަ ވިޔަފާރި ރަނގަޅު ވެގެންދާނެ ކަމަށެވެ.

"މީގެ ކުރިންވާ ގޮތަކީ ސިޔާސީ ކަންކަމުގައި ހަމަނުޖެހުން އޮތީމަ އެއްވެސް ސަރުކާރަކަށް ހަމަޖެހިލައިގެން އޮވެވެނީއެއް ނޫން. އެހެންވީމަވެސް މަސްލަހަތު ނެތީ، ތަޅާފޮޅުމާއި ހަމަނުޖެހުން އޮތީމަ އިގްތިސާދަށް ވެސް އަންނަން ޖެހޭ އެންމެ ރަނގަޅު ކަންތައްތަކެއް ނާދެ،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އިގްތިސާދަށް ބަލާނަމަ ވަރަށް ބޮޑަށް ހަމައަކަށް އެޅެމުންދާތަން ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް މީގެ ފަސް ވަރަކަށް އަހަރުކުރިއާ އަޅާބަލާއިރު ޑޮލަރު ލިބުމުގައި ވެސް މިހާރު ފަސޭހަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުރިން ޑޮލަރު ލިބުމުގައި ހުރި ދަތިތައް ކުރިއާ އަޅާބަލާއިރު ފަސޭހަ. ވެދާނެ މިއީ ސީޒަންތެރެވީމަވެސް. ބޭންކުން ވެސް މިހާރުދޭ އެބަ ކޮންމެ ވެސް ވަރެއް ލިބޭ. ލައްކައެއްހާ ޑޮލަރު ބޭނުންވެގެން އެ ބޭފުޅުންގެ [ބޭންކް] ގައި ބުނީމަ 20،000 ޑޮލަރު މިހާރު ލިބޭ. އެކަމަކު ކުރިން މި ލިބެނީ ގާތްގަނޑަކަށް 5،000 ޑޮލަރު. އަޅުގަނޑުމެންނަށް އެނގޭ އެބޭފުޅުންނަށް ވެސް ދެވޭނީ ދެވޭ ވަރަކުންކަން. ނަމަވެސް ކުރިއާ އަޅާ ބަލާއިރު ޑޮލަރު ލިބުން މިހާރު ފަސޭހަ،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މުސްތަގުބަލުގައި ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށާއި، ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީއާ ވުމުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

"އިނދިކޮޅުން އަންނަ ބައެއް ދަތިތަކާ ހުރެ ހިންގައިލާންވާ ވަރަށް ހިންގައި ނުލެވިގެން އުޅޭހެން ހީވަނީ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންއަކީ ވަރަށް ތަޖުރިބާ ހުރި ބޭފުޅެއްގެ ގޮތުގައި މި ފެންނަނީ. އެއީ އެންމެ ކުރިން ސުރެން ފެށިގެން ވެސް ކޮންމެ ވެސް ތަނެއްގައި އުޅުވާ. ރައްޔިތުން މަޖިލީހުގައި ވެސް އުޅުއްވި. އަދި ކޮންމެ ވެސް ކުންފުންޏެއްގެ ބޯޑެއްގައި އުޅޭތަން ފެންނަމުން ދިޔަ،" ނާބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ފެށިގެން ދިއުމަކީ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"މިހާރު އެބަފެނޭ ވަރަށް ބޮޑެތި ޕްރޮޖެކްޓްތައް ފެށިގެންދާތަން. އެހެންވެ މިވެސް އިގްތިސާދަަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް،" ނާބެ ވިދާޅުވި އެވެ.