ޑރ. އައިޝަތު ޝިހާމް

އިދާރާތަކުން ހެޔޮ ގޮތުގައި ދިވެހި ބަސް ބޭނުން ކުރަން އެޑިއުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

Apr 14, 2016
3

ވުޒާރާތަކާއި މުއައްސަސާތަކުން ހެޔޮގޮތުގައި ދިވެހި ބަސް ބޭނުންކުރަން ބާރުއަޅައި މުއާމަލާތް ކުރުމުގައި ސާފު ދިވެހި ބަހުން މުއާމަލާތް ކުރަން ވުޒާރާތަކާއި މުއްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިލްތިމާ ކުރައްވައިފި އެވެ.

އެކަމަނާ މިހެން ވިދާޅުވެ އިލްތިމާސެއް ކުރެއްވީ މިއަދު ފާހަގަ ކުރާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރެއްވި ހިތޯބެއްގަ އެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ. ދިވެހިބަހުގެ ދުވަސް ނިސްބަތްވަނީ ޙުސައިން ޞަލާޙުއްދީނަށެވެ. އޭޕްރީ 14 އަކީ ސޮލާހުއްދީނުގެ އުފަންދުވަހެވެ. ގައުމީ ގޮތުން ދިވެހިބަހުގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރަން ފެށީ 2015 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ އިސްނެންގެވުމަށެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ދިވެހިބަހަކީ ދިވެހި ގައުމިއްޔަތު އެންމެ ދޮށީ ބަހާ ކަމަށާއި ކަން އެހެން އޮތުމާއެކު މިއަދު ދިވެހި ބަސްވެފައިވަނީ ރާއްޖެ ދެކޭ ރަށްވެހިކަމަށް ދިވެހިން ގެންގޮސްދިން ސަވާރީއަށް ކަމަށެވެ.

"ދިވެހިބަސްވެފައިވަނީ އަޅުގަނޑުމެން ތަޢުލީމާއި ތަރުބިއްޔަތަށް އަލިކޮށްދިން ބައްތިއަށް... ދިވެހިބަސްވެފައިވަނީ މި ރާއްޖޭގެ ރަށްތަކުގެ އަހުލުވެރިން އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ވަޙުދަތުން ގުޅުވާލަދިން މުހިންމު ޢުންޞުރަށް ... ދިވެހި ޤައުމިއްޔަތަށް ފެންދޭ މައި ފައްވާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އަދި ވިދާޅުވީ ވުޒާރާތަކާއި މުއައްސަސާތަކުން ހެޔޮގޮތުގައި ދިވެހި ބަސް ބޭނުންކުރަން ބާރުއަޅައި މުއާމަލާތް ކުރުމުގައި ސާފު ދިވެހިބަހުން މުއާމަލާތް ކުރަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކުން ހެޔޮގޮތުގައި ދިވެހި ބަސް ބޭނުންކުރެއްވުމަށް ބާރުއަޅުއްވައި އާންމުރައްޔިތުންނާ ކުރާ މުޢާމަލާތް ރިވެތިސާފުދިވެހިބަހުން އިޙުތިރާމާއެކު ކުރެއްވުމަށް ދައުލަތުގެ އެންމެހައި މުއްސަސާތަކުގެ ވެރީންނާއި މުވައްޒަފުންނަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން،"

މި އަހަރުގެ ދިވެހިބަހުގެ ދުވަހަށް ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ޤައުމީ އެއްބައިވަންތަކަމަށް ޓަކައި- އެންމެންގެ ސަމާލުކަން ދިވެހިބަހަށް" މިޝިޢާރެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ދިވެހިބަސް، ދިވެހީންގެ އެއްބައިވަންތަކަމަށް ޓަކައި ރައްކާތެރިކޮށް ކުރިއަރުވައި ތަރައްޤީކުރަން ޖެހޭ ކަމަށާއި ދިވެހިބަހަށް މުޅި ދިވެހި އުންމަތް ސަމާލުކަންދީ ޚިދުމަތް ކުރާން ޖެހޭ ކަމަށެވެ.

"ދިވެހިބަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސްކަމަށް ވީ ހިނދު ދިވެހިބަސް ދިރުވައިއާލާކުރުމުގެ މަސައްކަތުގައި މުޅި ދިވެހި އުންމަތް ޝާމިލްވެ އަތާއިއަތްގުޅައިލައިގެން މަސައްކަތްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން،"