ދިރާގު

މިދިޔަ އަހަރު ދިރާގުގެ ކަސްޓަމަރުންނާއި އާމްދަނީ މައްޗަށް

ރާއްޖޭގައި އެންމެ ފުޅާކޮށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ، ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު)އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި މިދިޔަ އަހަރު އެ ކުންފުންޏާ ގުޅުނު ކަސްޓަމަރުންގެ އަދަދު އިތުރުވެއްޖެ އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ 2015 ވަނަ ގެ އަހަރީ ރިޕޯޓް މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފަ އެވެ. ދިރާގުގެ 27 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއެކު ނެރެވުނު މި އަހަރީ ރިޕޯޓުން ފާހަގަކޮށް ލެވޭ ކަންތައްތަކަކީ:

  • 2015 ވަނަ އަހަރުގެ އާމްދަނީ 2.3 ބިލިއަން ރުފިޔާ އަދި ، 2014 ގެ އާމްދަނީ އަކީ 2.1 ބިލިއަން ރުފިޔާ
  • 2015 ވަނަ އަހަރު ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 725މިލިއަން ރުފިޔާ، އަދި 2014 ގައި 701މިލިއަން ރުފިޔާ
  • ހިއްސާގެ ފައިދާގެ ގޮތުގައި މިއަހަރުވެސް ސާފު ފައިދާގެ %100 ހިއްސާދާރުންނަށް ދިނުމަށް ހުށަހަޅާފައިވޭ
  • 2015 ވަނަ އަހަރު ދިރާގުގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުވެ، ކަސްޓަމަރުންގެ އަދަދު ވަނީ 400،000 އަށް ވުރެ ގިނަވެފައި
  • 2015ވަނަ އަހަރުގެ ތެރޭގައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި 358 މިލިއަން ރުފިޔާ އިންވެސްޓްކުރެވިފައިވޭ

މިދިޔަ އަހަރު ދިރާގުގެ ކަސްޓަމަރުންނާއި އާމްދަނީ އިތުރުވެފައިވާއިރު، އެ ކުންފުނިން މިދިޔަ އަހަރަށް ކަނޑައެޅި ލަނޑުދަޑިތައް ވެސް ވަނީ ހާސިލުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު ދިރާގުން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި:

  • މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ ބްރޯޑްބޭންޑްގެ ހިދުމަށް ފޯރުކޮށްދިނުން
  • 4ޖީގެ ހިދުމަތްތައް އިތުރު ރަށްރަށަށް ތައާރަފްކޮށް، އާބާދީގެ %58 އަށް 4ޖީގެ ހިދުމަތް ފުޅާކުރުން
  • ރާއްޖޭގެ އެންމެ ހަލުވި ސްޕީޑްގެ (100 އެމްބީޕީއެސްއާއި ހަމައަށް) ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުން
  • ކަސްޓަމަރުންގެ ބޭނުންތަކަށް ބަލާ، މޮބައިލް ޑޭޓާ ޕެކެޖްތައް ރީވެމްޕްކޮށް، މޯބައިލް ޑޭޓާ ހިދުމަތުގެ އަގުތައް 40% ދަށްކުރުން
  • 2015 ވަނަ އަހަރު މޯބައިލް އަދި ބްރޯޑްބޭންޑް ޑޭޓާ ބޭނުންކުރެވުނު އަދަދު %100 އިތުރުވެގެން ދިޔުން
  • ކަސްޓަމަރސަރވިސްގެ ހިދުމަތް ފުޅާކޮށް، ފަސޭހަކަމާއި އެކު ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށްޓަކައި، ލައިވްޗެޓްގެ ހިދުމަތްއި އޮންލައިންކޮށް ހިދުމަތް ހޯދުމާއި، ބިލް ދެއްކުމަށް ފަހިވެގެން ދިޔުން
  • 2014 އާއި އަޅާބަލާއިރު 2015 ވަނަ އަހަރު އޮންލައިންކޮށް ކުރެވުނު މުއާމަލާތްތަކުގެ އަދަދު %50 އިތުރުވެފައިވުން

ދިރާގުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކުރުމާއި، 2015 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ފާސްކުރެވޭނީ ކުންފުނީގެ 27 ވަނަ އާންމު ޖަލްސާގަ އެވެ. ދިރާގު 27ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އެޕްރިލް 2016 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ހޮޓެލް ޖެންގަ އެވެ.