ހެދުން އަޅާނެ ގޮތް ނޭގިގެން ނުވަތަ ލާން ނަގާ ހެދުމާ މެދު ހިތްހަމަ ނުޖެހިގެން ލޯގަނޑު ކުރިމަތީގައި ކިހާ ވަގުތެއް ހޭދަކުރެވޭ ހެއްޔެވެ؟ ތިޔައީ އަންހެން ކުއްޖެއްނަމަ މިސުވާލުގެ ޖަވާބު ދޭން ފަސޭހައެއް ނުވާނެ އެވެ. ކޮންމެއަކަސް އަންހެނުން ނަލަވާން ގިނަ ވަގުތު ނަގައޭ މީހުން ބުނަނީ ސަބަބަކާ ނުލައެއް ނޫނެވެ. މި ބުނާ ހެދުން އިހްތިޔާރު ކުރަން އެހާ އިރު ނަގާއިރު ދެން އަދި މޭކަޕް ކުރަން ކިހާ އިރެއް ވޭތުވާނެބާ؟ ކައިވެނީގެ ހަފްލާތަކަށް ގަޑިއަށް ނުދެވެނީ މިހެންވެގެންއެވެ. އަދި ދެވޭ އިރުވެސް ތިމާ ލައިގެންދާ ހެދުމުގެ ކުލަ ތިމާ އަށް ކަމުނުދެއެވެ. އެހެން ކަމުން ކައިވެނީގެ ހަފްލާތަކަށް ދާ އިރު ތިމާ ހެދުން އަޅާނެ ރަނގަޅު ކުލައެއް ހޯދާލަން އެބަ ޖެހެއެވެ.
ކައިވެނިކުރާ ކުއްޖާއަށްވުރެ ރީތި ނުވުން
އެންމެ ފުރަތަމަ ވެސް ވިސްނާލަން ޖެހޭ ކަމަކީ ތިމާ މިދާ ކައިވެންޏަކީ ތިމާގެ ކައިވެންޏެއް ނޫންކަން ދެނެގަތުމެވެ. ތިމާ ލާ ހެދުން ކައިވެނި ކުރާ އަންހެން ކުއްޖާއަށްވުރެ ރީތިވެއްޖެއްޔާ އެކުއްޖާދިމާލަށް ބާލާނެ މީހަކު ނުހުއްނާނެއެވެ. އެހެން ކަމުން ތިމާ އަޅާ ހެދުމަކީ ތިމާގެ ރީތިކަން ނުގެއްލޭފަދަ އާދައިގެ ހެދުމަކަށް ވާނެ ޖެހޭނެއެވެ.
ހުދު ކުލަ ނޫން ކުލައެއް
މިހާރަކަށް އައިސް ހަފްލާ ތަކަށް ދާއިރު އަންހެން ކުދިން ގިނައިން އަޅާ އުޅެނީ ހުދުކުލައިގެ ހެދުންތަކެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ޗޮއިސް އެއް ނޫނެވެ. ސަބަބަކީ ގިނަ ކައިވެނީގެ ހަފްލާތަކުގައި އަންހެން ކުއްޖާގެ ހެދުމުގެ ކުލައަކަށް ހުދު ކުލަވާތީއެވެ. އެހެންކަމުން ހުދު ކުލަޔަކީ ހަފްލާއަށްދާ މެހެމާނުއްނާ މާކަ ގުޅޭ ކުލަޔެއް ނޫނެވެ.
ކައިވެނީގެ ބްރައިޑްސްމެއިޑްގެ ހެދުމާއި އެއްވަތަރު ނުވުން
ކައިވެނީގެ ހަފްލާއަށް އައިސް އުޅޭއިރު މެހެމާނުން ތިމާ ބްރައިޑްސްމެއިޑް އެއް ކަމަށް ހީކޮށް އޮޅޭގޮތް ވުމަކީ ވަރަށް ގިނައިން މިހާރު ދިމާވާކަމެކެވެ. މިހެން ވާ ގޮތް ވަނީ ވެސް ތިމާ އަޅާ ހެދުމުގެ ސަބަބުންނެވެ. އެހެން ކަމުން މިކަހަލަ ހަފްލާތަކަށް ދާއިރު ވީހާވެސް ބްރައިޑްސްމެއިޑުންނާ ތާފާތުކޮށް ހެދުން އަޅައިގެން ނޫނީ މި އޮޅުންތަކުން ސަލާމަތް ވެވޭކަށް ނެތެވެ.
ކައިވެނީގެ ތައުވަތުގައި ބުނެފައިވާ ކުލައެއް!
ކައިވެންޏަށް ދެވޭ ދައުވަތު ކާޑުގައި މިހާރަކަށް އައިސް ހެދުން އަޅަންވީކުލަ ބުނެފައި ހުރެއެވެ. މިހެން ކާޑުތަށް އައިސްފައި ހުރުމުން ހެދުން އަޅަން އެންހެން ކުދިންނަށް ފަސޭހަވެއެވެ. ލާނެ ހެދުމެއްގެ ކުލަ ނޭގިގެން ފިރިމާގެ ބޯ ގޮއްވާލާވަރު ވާކަށް ނުޖެހޭނެއެވެ.
މިހެން ކަމުން މިހުރިހާ ކަމަކަށް ވިސްނާލައިގެން ހެދުން އަޅާލަން ހިނގާބަލާށެވެ. އަލަމާރީގައި ހުރިއްޔާ ހުރި ހުރިހާ ހެދުމެއް އެކި ދިމާ ދިމާލަށް އުކާލައި ކަންބޮޑުވެފައި ހުންނާކަށް ނުޖެހޭނެއެވެ.