ހަބަރު

ހައި ކޯޓާއި ސުޕީރިއާ ބައެއް ކޯޓުތަކަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

ހައި ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.

ޖޭއެސްސީން މިއަދު އިއުލާންކޮށްފައިވަނީ ހައި ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދުމަށާއި ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު ހޯދުމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ފޯމް ހުށަހަޅަންޖެހޭނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައިވެ އެވެ.

ހައި ކޯޓަށް އެއް ފަނޑިޔާރަކު ހޯދަން އެ ކޮމިޝަނުން އިއުލާން ކުރިއިރު ނުވަ ފަނޑިޔާރުން ތިބެންޖެހޭ އެ ކޯޓުގައި މިހާރު ތިއްބެވީ ހަތް ފަނޑިޔާރުނެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ޝަރީފް އަލީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާތީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާއިރު އެ ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިން މިއަދު ވަނީ ފަނޑިޔާރުކަމުން ރިޓަޔާކޮށްފަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 54،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.