ހަބަރު

މިސްރުގައި ބަންދުކޮށްފައި ތިބި އަލްޖަޒީރާގެ ތިން ނޫސްވެރިންގެ ތެރެއިން އެކަކު ދޫކޮށްލައިފި

މިސްރުގެ ސަރުކާރާ ދެކޮޅަށް ދޮގު ހަބަރު ފެތުރުމުގެ ކުށުގައި މިސްރުގައި ބަންދުކޮށްފައި ތިބި އަލްޖަޒީރާގެ ތިން ނޫސްވެރިންގެ ތެރެއިން އެކަކު ދޫކޮށްލައިފި އެވެ.

މިސްރުގެ ޖަލުގައި ބަންދުކޮށްފައި ތިބޭތާ އަހަރެއްހާ ދުވަސްވެފައިވާ އެ ތިން ނޫސްވެރިން ތެރެއިން ދޫކޮށްލީ އޮސްޓްރޭލިއާއަށް ނިސްބަތްވާ ޕީޓާ ގްރެސްޓެވެ. އޭނާ ދޫކޮށްލީ މިސްރަށް ދުވަހަކު ވެސް ނާދެވޭ ގޮތަށް ހެދުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީޓާ ދޫކޮށްލި ނަމަވެސް އޭނާއާ އެކު ބަންދުކޮށްފައި ތިބި އަނެއް ދެ ނޫސްވެރިން ދޫކޮށްލުމާ އެކު މިސްރު ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މިސްރުގެ ސަރުކާރާ ދެކޮޅަށް މައުލޫމާތު ފެތުރުމާއި ޓެރަރިޒަމަށް ވާގިވެރިވިކަމުގެ ތުހުމަތުގައި އެ ތިން ނޫސްވެރިން ހައްޔަރުކޮށް އެ މީހުން ދިގު މުއްދަތަކަށް ޖަލަށްލުމަށް މިދިޔަ އަހަރު މިސްރުގެ ކޯޓަކުން ހުކުމްކުރި އެވެ. ނަމަވެސް އެ ޝަރީއަތުގައި އިޖްރާއީ ކަންތައްތަކެއް ގޯސްކޮށް ހިނގާފައިވާ ކަމަށް ބުނެ މިސްރުގެ އެންމެ މަތީ ކޯޓުން ވަނީ އެ މީހުންގެ ޝަރީއަތް އަލުން ކުރަން މިދިޔަ ޑިސެމްބަރު މަހު އަމުރުކޮށްފަ އެވެ.

އެ ނޫސްވެރިންތައް ހައްޔަރު ކުރުމާ އެކު ބައިނަލްއަގްވާމީ ފަރާތްތަކުން ދިޔައީ އެ މީހުން ދޫކޮށްލުމަށް އެދި މިސްރުގެ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ. ނަމަވެސް އޭރު މިސްރު ސަރުކާރުން ދިޔައީ އެކަމަށް ބީރު ކަންފަތެއް ދެމުންނެވެ.