ހައްދުފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ ކަންކަން ދެނެ ގަނެ، ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ޓާކިޝް ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
ފުލުހުން ބުނީ މިހަފްތާ ހޯމަ ދުވަހުން ބުރާސްފަތި ދުވަހާއި ހަމަޔަށް އިސްކަންދަރު އިމާރާތުގައި ކުރިޔަށް ދިޔަ ތަމްރީނު ޕްރޮގްރާމްގައި ދިވެހި ފުލުހުންނަށް ކިޔަވައި ދެއްވާފައިވަނީ ޓާކިޝް ޕޮލިސްގެ ތަޖުރިބާކާރު ފުލުހުން ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމުގައި މަޝްވަރާ ކުރެވުނީ ހައްދުފަހަނަ އަޅައިފައިވާ ޖަމާއަތްތަކާއި ގުޅިގެން ދުނިޔޭގެ ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މީހުންގެ ފަރާތުން ފާހަގަ ކުރެވިފައި ހުރި ކަންކަމާއި އެފަދަ ޖަމާއަތްތައް އުފެދިގެންދާ ގޮތްތަކަށާއި އަދި އެ ޖަމާއަތްތަކަށް މީހުން ވެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި އެފަދަ ހަރަކާތްތަކަށް ފާރަވެރިވެ އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ކަމަށެވެ.
މީގެ އިތުރުން ހައްދުފަހަނަ އަޅައި ދިއުމުގެ ހަރަކާތްތަކުގެ ތެރެއިން ޓެރަރިޒަމްގެ ކަންކަން އުފެދި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ކަންކަމާއި ހައްދުފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމްއާއި ހުރި ގުޅުމާއި ޓެރަރިޒަމްގެ އަމަލުތައް ދެނެގަނެ ފިޔަވަޅު އަޅާނެ ގޮތްތަކާ ބެހޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްދުފަހަނަ އަޅައިދާ މީހުން ތުރުކީގައި ހިންގާފައި ހުރި އެފަދަ ނުރައްކާތެރި ކަންކަމުގައި ފުލުހުންނާއި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާ ގޮތްތައްވެސް މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އޮޅުންފިލުވައިދެއްވި ކަމަށާއި ހައްދުފަނަ އަޅައިދިއުމާއި ޓެރަރިޒަމަށް މަގުފަހިވާފަދަ ކަންކަން ހުއްޓުވުމުގައި ފުލުހުންގެ ގޮތުން ކުރެވެންހުރި މަސައްކަތްތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް މަގުފަހިވާފަދަ ކަންކަން ފާހަގަ ކުރެވިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސާއި، ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް އަދި ޑިވިޒަނަލް އޮޕަރޭޝަންސް ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގައި މަސައްކަތްކުރާ 30 ފުލުހުންނަށް ހިންގި މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިންނަށް ސެޓިފިކެޓް ވެސް ވަނީ ދީފަ އެވެ.