އެމްޑަބްލިއުއެސްސީ

ފެން ކުންފުނިން ކައްކާ ލޮނު އުފައްދަން ފަށަނީ

Apr 17, 2016
2
  • ރާއްޖޭގައި އުފައްދާ ހޮޅި މި އަހަރު ބާޒާރަށް
  • ޑީޕް ސީ ފެނަކީ މިނަރަލް ހައި ފެން
  • މަޝްރޫއުތަކުގެ ސަބަބުން ހަރަދު ކުޑަވޭ

ކަނޑުއަޑިން ލޮނު ފެން ނަގައިގެން ކައްކާ ލޮނު، ހާއްސަ ބްރޭންޑެއްގެ ގޮތުގައި ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ގައުމީ ފެން ކުންފުނިން ބުނެފި އެވެ.

ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވިދާޅުވީ އަލަށް ފަށަން ތައްޔާރުވަމުން ގެންދާ "ޑީޕްސީ" މަޝްރޫއުގެ ދަށުން ޕްރިމިއަމް ބްރޭންޑެއް ނެރޭނެ ކަމަށެވެ. މިގޮތުން މި ފެން ބޭނުން ކޮށްގެން ކައްކާ ލޮނާއި މަސްވެރިންނަށް ބޭނުންވާނެ ލޮނު ވެސް ތައްޔާރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑީޕްސީ އިން ފެން ނަގައި، މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުންދާކަން ފަހުރުވެރި ކަމާއެކު ފާހަގަ ކުރަން. މި ފެން އުފައްދަން ނެގޭ ލޮނު ފެން ނަގަނީ ކަނޑުގެ 500 މީޓަރު އަޑިން ކަމަށްވުމުން މި ފެނުގައި ގުދުރަތީ ގޮތުން ހިމެނޭ މިނަރަލްސްގެ މިންވަރު އިތުރުވޭ،" ފަޒުލް ވިދާޅުވި އެވެ.

"އެ ކަމަށް ފީޒިބިލިޓީ ވެސް އިރާދުކުރެއްވީތީ މިދަނީ ހެދެމުން."

އޭނާ ވިދާޅުވީ އެ ފެނަކީ ސިއްހީ ގޮތުން ފައިދާ ތަކެއް ލިބިގެންދާނެ ފެނަކަށްވާނެ ކަމަށެވެ.

"މި ގޮތުން އުފެއްދޭ ފެނަކީ ކުޅިވަރު ކުޅޭ މީހުން ކުޑަކުދިން. އުމުރުން ދުވަސްވީ ބޭފުޅުން އަދި ސިއްހީ ގޮތުން ދިމާވާ ހަކުރު ބަލި ލޭމައްޗަށް ދިއުން، ކްލޮސްޓްރޯލް ފަދަ ކަންކަމަށް ހާއްސަ ކޮށްގެން ނެރޭ ފެނެއް،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތާނގައި ފެން އުފައްދަން ކުރާ ހަރަދު 30 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

"މިނެގޭ ފެނުން ބައި- ޕްރޮޑަކްޓްތަކަށް ބޭނުންކުރެވޭނެ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ފެން ވައިރު ކުރުމަށް ބޭނުންކުރާ ހޮޅި އުފައްދަން ފަށާފައިވާ މި މަސައްކަތުގެ ދަށުން ރާއްޖޭގައި ހަދާ ހޮޅި މި އަހަރު ބާޒާރަށް ނެރެވޭނެ ކަމަށެވެ.

"އެކި ސައިޒުގެ ޕީވީސީ އާއި ޕީވީ ހޮޅި މި ފަސްގަނޑުގައި އުފައްދައިގެން ބޭނުންކުރެވޭ ކަމުގެ އުފާ މުވައްޒަފުންނާއެކު ލިބިގަންނަން. ފާހަގަ ކޮށްލަނީ ކުންފުނިން ހިނގާ މަޝްރޫއުތަކުގައި ބޭނުންކުރަނީ ކުންފުނީގެ އަމިއްލަ އުފެއްދުމެއްކަން،" ފަޒުލް ވިދާޅުވި އެވެ.