އިންޑޮނީޝިއާއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި އެ ގައުމުގައި މަރަން ހުކުމްކޮށްފައި ހުރި އިނގިރޭސިވިލާތުގެ އަންހެން މީހާ އިނގިރޭސި ސަރުކާރުގެ އެހީއަށް އެދިއްޖެ އެވެ.
އުމުރުން 57 އަހަރުގެ ލިންޑްސޭ ސެންޑިފޯޑްގެ މައްޗަށް އިންޑޮނީޝިއާ ކޯޓަކުން މަރުގެ ހުކުމް އިއްވީ 2012 ގައި 1.6 މިލިއަން ޔޫރޯގެ މަސްތުވާތަކެތި އެ ގައުމަށް އެތެރެކުރި މައްސަލައިގަ އެވެ.
ބަޑި ޖަހައިގެން މަރުގެ އަދަބު ދެމުންދާ އިންޑޮނީޝިއާގެ ޖަލުގައި ހުރި ލިންޑްސޭ އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ފިލިޕް ހެމޮންޑަށް ފޮނުވި ސިޓީގައިވަނީ އޭނާއަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ދިފާއީ ވަކީލަކު ނެތް ކަމަށާއި އަދި ވަކީލަކު ހޯދޭ ވަރަށް ފައިސާ ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރި ފަހުން އިނގިރޭސި ސަރުކާރުގެ އެއްވެސް އެހީއެއް އޭނާ ލިބެމުން ނުދާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މިހާރު "ވަގުތު ފާއިތުވާން ކައިރިވެއްޖެ" ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް މަރުގެ އަދަބު ތަންފީޒު ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ސިޓީގައި ލިންޑްސޭ ބުނެފައިވެ އެވެ.
އެ ސިޓީއާ ގުޅިގެން އިނގިރޭސި ސަރުކާރުން ބުނެފައިވަނީ މިފަދަ އުނދަގޫ ވަގުތުގައި ވެސް ލިންޑްސޭއަށް އެހީތެރިކަން ދޭން ތައްޔާރަށް އޮތް ކަމަށާއި އޭނާގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އިންޑޮނީޝިއާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭ ގައުމެކެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް އެ ގައުމުގައި ހަ މީހަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަނީ މަރުގެ އަދަބު ދީފަ އެވެ. އެ ގައުމުގެ ރައީސް ޖޮކޯ ވިދޯދޯ ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ މަރަން ހުކުމް ކުރާ އެއްވެސް މީހެއްގެ އަދަބު ލުއިކޮށް ނުދެއްވާނެ ކަމަށެވެ.