ބޭރު ކުޅިވަރު

ޗެލްސީ އަތުން ސިޓީ މޮޅުވެ، އެސްޓަންވިލާ ރެލިގޭޓްވެއްޖެ

މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0އިން ބަލިވެ އިނގިރޭސި ޕްރެމިއާ ލީގުން އެސްޓަންވިލާ ރެލިގޭޓްވެއްޖެ އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހި ޔުނައިޓެޑް މާކަސް ރަޝްފޯޑެވެ.

މި މެޗުން މޮޅުވުން ޔުނައިޓެޑް މިހާރު އޮތީ ލީގުގެ ފަސްވަނާގަ އެވެ. އެއީ 56 ޕޮއިންޓާއެކުގަ އެވެ. އެސްޓަން ވިލާ ރެލިގޭޓްވީ 16 ޕޮއިންޓާއެކު 20 ޓީމު ވާދަކުރާ ލީގުގެ ފުލަށް ދިއުމުންނެވެ. އެ ޓީމަށް ބާކީ އޮތް ހަތަރު މެޗުން ކާމިޔާބު ކުރެވުނު ނަމަވެސް ލިބޭނީ 32 ޕޮއިންޓެވެ. މިއީ 17 ވަނާގައި މިހާރު އޮތް ނޯވިޗަށްވުރެ އެންމެ ޕޮއިންޓެއް ގިނަ އަދަދެކެވެ. އިނގިރޭސި ލީގުން ރެލިގޭޓްވާނީ އެންމެ ފުލަށްދާ ތިން ޓީމެވެ.

ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވީ ޗެލްސީ އަތުން 3-0އިންނެވެ. ތިން ލަނޑު ވެސް ޖެހީ ސާޖިއޯ އަގުއެރޯ އެވެ.

މި މޮޅާއެކު ސިޓީ ވަނީ 60 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ޗެލްސީ އޮތީ 44 ޕޮއިންޓާއެކު 10 ވަނާގަ އެވެ.

ޗެލްސީގެ ކކީޕަރު ތިބައޫ ކޯޓުއާ އަށް 78 ވަނަ މިނިޓްގައި ރަތްކާޑު ދެއްކި މި މެޗަށް ފަހު ޗެލްސީގެ ކޯޗު ގުސް ހިޑިންކް ބުނީ ޗެލްސީ އަށް ކުރިމަތިވެފައިވަނީ އުނދަގޫ ސީޒަނެއް ކަމަށެވެ. މި ގޮތުން ރެލިގޭޝަނާ ވެސް ހަނގުރާމަކުރަން ޖެހުނު ކަމަށާއި އެފަދަ ކަންކަމުގެ އުނދަގޫ މި މެޗުގައި ވެސް ދިމާވި ކަމަށެވެ.

ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ އެޓޭކާއި ޑިފެންސްގައި ވެސް އޭނާގެ ޓީމު ފެނުނީ ރަނގަޅަށް ކުޅެނިކޮށް ކަމަށެވެ.

ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ނިއުކާސަލް ރޭ މޮޅުވީ ސްވަންސީ އަތުން 3-0އިންނެވެ. މިއީ ލިވަޕޫލާއި ޗެލްސީ އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ރަފާ ބެނީޓޭޒް ޓީމާ ހަވާލުވުމަށްފަހު ނިއުކާސަލް މޮޅުވި ފުރަތަމަ މެޗެވެ. އެ ޓީމު މިވަގުތު އޮތީ 28 ޕޮއިންޓާއެކު 19 ވަނާގަ އެވެ.