"އެއް ގާގަނޑުން ޖަހާ ދެ ދޫނި މަރާލައިގެން" އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި ހާމިދު އަލީ އަނެއްކާވެސް ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. ހާމިދާއި އިތުރު ދެ މީހަކު ގުޅިގެން ޕްރޮޑިއުސްކުރާ "ދޭތީ އަނިޔާ" އަކީ ފިރި މީހާގެ ފަރާތުން އަނިޔާ ލިބެމުންދާ އަންހެން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އަވަސް އާ ވާހަކަ ދައްކަމުން ހާމިދު ބުނީ މި ފިލްމަކީ ބެލުންތެރިންނަށް ބޮޑު ސަޕްރައިޒް އަކަށް ވާނެ ކަމަށެވެ. ފިލްމީ ދާއިރާއަށް ވަނީއްސުރެ ނުބައިބައި ރޯލް ކުޅެ ދިވެހި ސިނަމާގެ "ޓަފް ގައި" ގެ ގޮތުގައި މަޝްހޫރުވެފައިވާ ހާމިދު ހަދާ މި ފިލްމަކީ އިންސްޕަޔަރިން ފިލްމަކަށް ވާނެ ކަމަށް އޭނާ ބުނެ އެވެ. މަޝްހޫރު އަދި ކުޅަދާނަ ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ) ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން މީގެ ހަފްތާއެއްކުރިން ވަނީ ފަށައިފަ އެވެ.
އޯޕަން ބަޖެޓަކުން ހަދާ މި ފިލްމުގައި ހިމެނޭނީ ހަތަރު ލަވަކަމަށް ހާމިދު ބުންޏެވެ.
މި ފިލްމުގައި މިހާރުވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެކްޓަރުން ކަމަށްވާ އައްމަޑޭ، މާއްޓޭ، ފައުޒިއްޔާ އަދި ޝަކީލާ ހަރަކާތްތެރިވެ އެވެ. ނުބައިބައި ރޯލް ނުވަތަ ވިލަންގެ ރޯލުން ހާމިދު ފެނިގެންދާއިރު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ މިދާއިރާއަށް މުޅިން އަލަށް ނުކުންނަ ކުއްޖެއް ކަމަށް ހާމިދު ބުންޏެވެ. ހާމިދު ބުނަނީ އެއީ ސަޕްރައިޒްއެއް ކަމަށެވެ.
ފިލްމު ސަޕްރައިޒުން ފުރިފައިވާއިރު ފިލްމުގެ އެއް ލަވަ މޯލްޑިވިއަން އައިޑޮލްގެ ބައިވެރިއެއްގެ އަޑުން އިވޭނެ ކަމަށް ހާމިދު ބުންޏެވެ. މި ފިލްމު ޝޫޓުކުރަނީ މާލެ އާއި ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގަ އެވެ. މިފިލްމު މިއަހަރުގެ ތެރޭގައި ބެލުންތެރިންނާ ހަމައަށް ގެންނަން މަސައްކަތްކުރަމުންދާއިރު މިއީ "މިހާރު އޮލިމްޕަހުގައި އަޅުވާ ފިލްމުތަކާއި އެއް ލެވެލްގައި ހިފެހެއްޓޭނެ ފިލްމެއް" ކަމުގެ ޔަގީންކަން ހާމިދުދެ އެވެ.