ފިނިޕޭޖް

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު "ރަނގަޅަށް ފަޅާލި" އަސްލު ޑޮކްޓަރު!

މި މޯލްޑިވިއަން އައިޑޮލްއެއް ފެށުނު ހިސާބުން ފެށިގެން ޝޯގެ އެންމެ މަޝްހޫރު އެއް ޖަޖު ކަމުގައިވާ އަހުމަދު އިބްރާހިމް ނުވަތަ މަޝްހޫރު ނަމުން ނަމަ އައްމަޑޭ އެދިގޮވަމުން ދިޔައީ "ސްޓޭޖު ފަޅާލައި، ސީލިންގު ބޮލަށް ވައްޓާލާނެ" ވަރުގެ ޕާފޯމެންސަކަށެވެ. ޝޯގެ ގަދަ ފަހެކާ ހަމަ އަށް އައްމަޑޭ އަށް ސްޓޭޖު ފަޅައި ދެމުން ދިޔައީ ރޮކްސްޓާގެ ގޮތުގައި އެތައް ބައެއް ހިތްތައް ވެސް "ފަޅާލި" މުއައްޒިން އެވެ.

ނަމަވެސް އެ ސޮރެއް ގަދަ ފެހެއްގައި ލައްވައިނުލައި ކަޓައިގެން ދިއުމުން ޝޯއަށް ވެރިވި ފޫހިކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ވަނީ ނިކަން ރަނގަޅު ނިމުމެއް ގެނެސްފަ އެވެ. ޑޮކްޓަރެއްގެ ވަނަމުން މަޝްހޫރު ހުނަރުވެރިޔަކަށް ވެސް ހާއްސަ، މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖު އެރޭ "ފަޅާލީ"، އަސްލު ޑޮކްޓަރެކެވެ. --- ޑޮކްޓަރު އަހުމަދު ޝަމްރާހެވެ.

ނުވަތަ މި ދުވަސްކޮޅު ގިނަ ބަޔަކު އޭނާ ދަންނަނީ، މަޝްހޫރު ރިއާލިޓީ ލަވަ މުބާރާތް "ދަ ވޮއިސް" ގެ ރަޝިއަން ވާޝަންގައި ދިވެހިން ފަހުރުވެރިކޮށް، ރޮއްވައި އަހަރެމެން އެންމެންގެ ގައިން ހީބިހި ނަންގުވާލި މޮޅު ލަވަކިޔުންތެރިޔާގެ ގޮތުގަ އެވެ. ނުވަތަ ލަވަކިޔަން އެފަދަ ދެ ވަނައެއް ނެތް، މި ޑޮކްޓަރު ސިފަކުރަންވީ، މަޝްހޫރު ޑައިރެކްޓަރު އަދި އައިޑޮލްގެ ގެސްޖު ޖަޖެއްގެ ގޮތުގައި ވެސް ބައިވެރިވި، ޓެޑްރީ މުހައްމަދު ނިޔާޒު އޭނާ ސިފަކޮށްފައިވާ ގޮތަށް، "އަހަރެމެން ދިވެހިންގެ ޕެވަރޮއްތީ" ގެ ގޮތުގައި ހެއްޔެވެ؟

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މިއޮތްހާ ދުވަހު މޯލްޑިވިއަން އައިޑޮލް އިން ނުފެނިގެން މީހުން ޝަކުވާކުރަމުން ދިޔަ ފެންވަރުގެ ހުނަރުވެރިކަމެއް އެ ސްޓޭޖުގައި ދައްކާލައި، ޝަމްރާހު، ޝޯގެ ފޭނުންނާއި ފާޑުކިޔުންތެރިންގެ ބަސް ވެސް ހުއްޓުވާލިކަމެވެ. މީހުންގެ ބަސް ހުއްޓުނުވަރަކީ، އޮޕެރާގެ ވައްތަރަކަށް ބަދަލުކޮށްލައިގެން ޝަމްރާހު ހުށަހަޅައިދިން "މޫނު ބުރުގާ ނެގީ" ޕާފޯމެންސަށް ތައުރީފު ތަރުތީބުކުރާނެ ގޮތެއް ވެސް ގިނަ ބަޔަކަށް ނޭނގުމެވެ.

މިއުޒިކްގެ ބޮޑު އާއިލާއަކަށް ނިސްބަތްވާ ބޮޑު އަޑެއް!

އޭނާގެ މަންމަ ފަރާތު އާއިލާގައި ވެސް ތިބީ މިއުޒިކާއި ލަވައިގެ މަޝްހޫރު މޫނުތަކެވެ. ބައްޕަ ފަރާތު އާއިލާގައި ތިބީ އަދި އެއަށް ވުރެ ވަރުގަދަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނެވެ. -- ޝަމްރާހު ނިސްބަތް ވަނީ ދިވެހި ލަވައިގެ ދުނިޔޭގައި މަޝްހޫރު "ތައުފީގުތަކުގެ" ތެރެއަށާއި ފެންތަށި ހަލީލް ނުވަތަ ބެންހާ ހަބީބް ފަދަ މަޝްހޫރު އާޓިސްޓުންތަކެއް ވެސް ނިސްބަތްވާ އާއިލާއަކަށެވެ.

ފަހަރެއްގައި، ލަވަނުކިޔާ ހަނދާނެއް އޭނާގެ ހަޔާތުގައި ނެތީ މިހެންވެ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ސްޓޭޖަކަށް އަރުވާ ފެންވަރުގެ ލަވަކިޔުންތެރިއެއްގެ ޓެގު، ޝަމްރާހުގެ ގައިގައި އެންމެ ފުރަތަމަ ޖެހި ފަރާތަކީ އިސްކަންދަރު ސްކޫލްގެ މަޝްހޫރު މިއުޒިކް ޓީޗަރު އަދި މި ދިވެހި ޖީލެއްގެ އެތައް ލަވަކިޔުންތެރިންތަކެއް ވެސް ނެރެދިން ވިސާކާ މިސް އެވެ.

އެއަށް ފަހު އޭނާ އެންމެ ފުރަތަމަ ވިދާލީ ސްކޫލް ކުދިންގެ ލަވަ މުބާރާތުންނެވެ. އެ މުބާރާތުގައި ބައިވެރިވި ފުރަތަމަ އަހަރު ވެސް އޭޖު ގްރޫޕުން އެއް ވަނަ ލިބުނެވެ. އަދި ވަނައެއް ނުލިބޭ އަހަރެއް ވެސް ނުދެއެވެ. ބައިވެރިވި ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް ގަދަ ތިނެއްގެ ތެރޭގައި ދިޔައީ ހިމެނެމުންނެވެ.

ސީއެޗްއެސްއީގެ ބެޖުގައި އެ ސްޓޭޖަށް އަލްވަދާއުކީ އަހަރު ވެސް މުޅި މުބާރާތުން އެއް ވަނަ ގެންދިޔަ އެވެ.

އެއަށް ފަހު ފުރައިގެން ދިޔަ ގޮތަށް ދިވެހިންނަށް އޭނާގެ މި އާދަޔާހިލާފު ހުނަރު ރަނގަޅަށް ފެނިގެން މި ދިޔައީ އައިޑޮލްގެ ހަފުތާ ބަންދުގެ އެލިމިނޭޝަން ރައުންޑުގަ އެވެ. ޝަމްރާހް ބުނީ އެ ޕާފޯމެންސަށް ފަހު ވަރަށް ގިނަ ބައެއްގެ ހިޔާލާއި ތައުރީފު އޭނާ އަށް ހުއްޓުމެއް ނެތި އޮހެމުންދާ ކަމަށެވެ.

"އަޅުގަނޑު ކުޑަކޮށް ހާސްވި، މުޅިން ތަފާތު، އާންމުކޮށް ދިވެހިން އަޑުނާހާގޮތަކަށް މި ނިންމާލަނީ އެ ލަވަ. ވަރަށް ދަންނަ ލަވައެއް. ދިވެހި ލަވައަކާ ކުޅުމަކީ ވެސް ވަރަށް ރިސްކީކަމެއްވީމަ. އެކަމަކު ރަނގަޅު ރިސްކެއްކަން ނޭނގެ މި ނެގުނީ،" ޕާފޯމެންސާ ބެހޭ ގޮތުން ޝަމްރާހް ބުނީ މިހެންނެވެ.

"އެތަނުގައި މަޑުކޮށްލައިގެން އިނިން ޝޯ ނިމެންދެން. ބޭނުންވި އިތުރަށް ވެސް، އަނެއްކާވެސް އެހެން ދުވަހު ގޮސް އެމީހުންނާ އެކު މަސައްކަތްކޮށްލަން ވެސް. ވަރަށް ޕޮޒިޓިވް އެންވަޔޮރޮމަންޓެއް. އެތަނުގެ ޓީމުގެ އެ ކުރަނީ ވަރަށް ރަނގަޅު މަސައްކަތެއް."

"މިސާލަކަށް ރަޝިއާގެ (ދަ ވޮއިސް) ޓީމުގައި އެ މަސައްކަތްކުރާ ޓީމާ އަޅާބަލާއިރު މިވަރުގެ މަދު ބަޔަކާ އެކު ވެސް އެއް ފެންވަރެއްގައި ހިފަހައްޓާލާތީ ވަރަށް އިމްޕްރެސްވި. އަސްލު ވަރަށް އިމްޕްރެސިވް ކޮންސިޑަރިން ދަ ނަމްބަ އޮފް ޕީޕަލް."

ރަޝިއާގައި ވެސް އޭނާގެ ހުނަރު ވަރަށް އުހުގައި!

ޝަމްރާހު ބައިވެރިވީ ދަ ވޮއިސްގެ ރަޝިއަން ވާޝަންގެ ދެ ވަނަ ސީޒަނުގަ އެވެ. އޭނާ ބުނީ މާލޭގައި އުޅުނުއިރު ވެސް އޭނާ އަކީ އެފަދަ ޕްލެޓްފޯމަކަށް ކެތްމަދުވެފައި ހުރި މީހެއް ކަމަށެވެ.

"އެންމެ ކުރިން ވެސް އަޅުގަނޑަކީ އެމެރިކަން އައިޑޮލް ފަދަ ޝޯތައް ބަލާ މީހެއް. އޭރު ވެސް ހިތަށް އަރާ މިކަހަލަ ޝޯތަކެއް، ލަވަ މުބާރާތްތަކެއް ރާއްޖޭގައި އޮންނާނެ ނަމައޭ. ވާގޮތަކީ، (ސްކޫލް ކުދިންގެ) ފަދަ ލަވަ މުބާރާތްތައް ނިމުނީމަ ދެން ނޯވޭ ބައިވެރިވެލާނެ ލަވަ މުބާރާތެއް،" ޝަމްރާހް ބުންޏެވެ.

ކޮންމެއަކަސް މާލެއިން ނުކުމެގެން ދިޔަ ހިސާބުން އޭނާ ބޭނުންވި ސްޓޭޖު އެންމެފަހުން އޭނާ އަށް މަރުހަބާކީ އެވެ. އެކަމަކު މެޑިސިން ކިޔަވަން ދިޔަ ދަރިވަރު އެންމެ ފުރަތަމަ ރަޝިއާ އަށް ގޮސް އުޅުނީ އޭނާގެ މި ހުނަރުވެރިކަމެއް ގަދަފިނީގައި ވަޅުލައިގެންނެވެ.

"ރަޝިއާ އަށް ގޮސް ފުރަތަމަ އަހަރަކު އެއްގޮތަކަށް ވެސް ލަވައެއް ނުކިޔަން. އެހެން އުޅެނިކޮށް ޔުނިވާސިޓީގައި ހުންނަ އެކްސްޓްރާ އެކްޓިވިޓީސްތަކުގެ ސްޓޫޑިއޯއެއް ޓީޗަރަކަށް ފާހަގަކުރެވިގެން ފެށުނީ. ދެން އަޅުގަނޑުގެ ހުންނާނެ މިއުޒިކް ޓީޗަރެއް ވެސް. އޭނަ ވެސް ވަރަށް ގިނަ ފުރުސަތުތައް ހޯދައިދޭ އަދި އެހެން ދިމަދިމާލުން ވެސް ފުރުސަތުތައް ލިބޭ ކުރިއަށް ދާން ފެށީމަ،" ޝަމްރާހު ކިޔައިދިނެވެ.

އޭނާ ބުނީ ލަވަކިޔުންތެރިޔަކަށް އެންމެ މުހިންމުވަނީ އެކްސްޕޯޝާކަމަށްވާއިރު "ދަ ވޮއިސް" ގައި ބައިވެރިވެގެން އޭނާ އަށް ލިބުނު އެކްސްޕޯޝާގެ ފައިދާ ވެސް ވަރަށް ބޮޑު ކަމަށެވެ. ލަންޑަނުގެ ލޭބަލަކުން އެ ގެންދަނީ މިހާރު ވެސް ޝަމްރާހު އެމީހުންގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

"ލަންޑަންގެ ރިކޯޑިން ލޭބަލަކާ އެކު ކޮންޓްރެކްޓެއް ހެދުމުގެ ފުރުސަތު ވެސް ލިބިފައި އެބަހުރި އަޅުގަނޑަށް، މިހާރު ވެސް. އެކަމަކު ވާގޮތަކީ މެޑިސިން އެއްކޮށް ދޫކޮށްލާފައި އެކަމަށް ދާން ޖެހޭތީ އެކަހަލަ ކަމެއް ނެތް ދެވޭކަށް. އެބަހުރި އެކަހަލަ ބައެއް އޮފާސްތައް.

"އެހެން ނަމަވެސް ލަވައެއް އަޑުނީވޭނެއެކޭ ނުބުނާނަން."

"ދަ ވޮއިސް" ގެ ރަޝިއަން ވާޝަންގައި ޝަމްރާހު އޭގެ ޖަޖުންނާއި އޯޑިއެންސް ސިއްސުވާލީ އެތައް ހާސް ބައިވެރިންތަކެއްގެ ތެރެއިން ފުރޭނިގެން ގޮހެވެ. އެ މުބާރާތުގެ ބެޓްލް ރައުންޑާ ހަމަ އަށް އޭނާ ދަތުރުކުރި އެވެ.

"އެ ޝޯގައި ބެޓްލް ރައުންޑާ ހަމަ އަށް އަޅުގަނޑަށް ދެވުނީ. އެއީ ފުދޭވަރަކަށް ދުރު. ޝޯ އަށް އެންމެ ފުރަތަމަ ކުދިން ހޮވަނީ ވެސް އެތައް ހާސް ކުދިންތަކެއްގެ ތެރެއިން. އެއަށް ފަހު އޭގެ ތެރެއިން 11،000 ކުދިން ނަގާފަ، އޭގެ ތެރެއިން 150، އޭގެ ތެރެއިން 100، އޭގެ ތެރެއިން އެހެން ދަމުން ދަމުން ގޮސް ފުދޭވަރަަކަށް ދުރަށް ދެވުނު،" ޝަމްރާހު ބުންޏެވެ.

"އޭގައި މުހިންމު ކަމަކީ އެއް ވަނަ ލިބުމެއް ނޫން. އޯޑިއަންސެއް ލިބިފައިއޮތީމަ އޭތި މެއިންޓެއިންސްކުރުމާއި އެ ލިބޭ އެކްސްޕޯޝާ އެންމެ ބޮޑު އެއްޗަކީ. އަޅުގަނޑުގެ ކޭސްގައި ވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ (ދަ ވޮއިސްގެ ތަޖުރިބާ އަށް) ފަހު. މެޑިކަލް ފީލްޑްގައި ވެސް ކަންތައްތައް ވަރަށް ލުއިވެގެންދިޔަ."

"ކާސްޓިންގައި ލައްވާލީމަ އެތަނުގައި އަޅުގަނޑުކީ ރަޝިއާގެ ވަރަށް ގައުމީ ޖޯޝުގެ ލަވައެއް. އެއީ ބޮޑު ހަނގުރާމައާ ގުޅޭ ލަވައެއް. ވަރަށް ސެންޓިމެންޓަލް ލަވައެއް. ދެން އެ ލަވަ އެމީހުންނަށް މާބޮޑަށް ކަމުދިޔައީ. އެ ލަވަ އިންނާނީ ބްލައިންޑް އޮޑިޝަންގައި ވެސް ކިޔާފަ. ރަޝިއާގައި ވާގޮތަކީ އެމީހުންނަށް ވަރަށް ކަމުދާނެ، ބޭރު މީހުން އެމީހުންގެ ލަވަކީމަ."

"ދަ ވޮއިސް" ގެ ރަޝިއަން ސްޓޭޖުގެ އިތުރުން އޭނާ، އިންޓަ ޔުނިވާސިޓީ މުބާރާތެއްގައި ބައިވެރިވެ ބެސްޓް މޭލް ވޯކަލިސްޓްގެ މަގާމު ވެސް ގެންގޮސްފައިވެ އެވެ. މީގެ އިތުރުން ރަޝިއާގެ މަޝްހޫރު އެހެން ލަވަމުބާރާތެއްގައި ވާދަކޮށް ސެމީ އަށް ދަތުރުކޮށްފައިވެ އެވެ.

އެކަމަކު ވެސް ހާއްސަވަނީ ޑޮކްޓަރެއްގެ ގޮތުގައި!

އެއްގޮތަކަށް ވެސް ޝަމްރާހުގެ ވިސްނުން ހުރީކީ، ޕްރޮފެޝަނަލް ލަވަކިޔުންތެރިޔަކަށްވުމަކަށް ނޫނެވެ. އެފަދަ ފުރުސަތުތަކެއް ލިބިފައި ހުއްޓަސް އޭނާ ބޭނުންވަނީ މެޑިސިންގެ ދާއިރާ އިން ކުރިއަށްދާށެވެ. ސަބަބަކީ އެންމެ ކުޑައިރުވެސް އޭނާ ލަވަކީ، ޕެޝަންއަކަށް ކަމަށްވީތީ އެވެ. އަދި އޭރު ވެސް އެންމެ ޝައުގުވެރިވި ދާއިރާއަކީ މެޑިސިންގެ ދާއިރާ ކަމަށްވާތީ އެވެ.

"މެޑިސިން އަށް އިންޓްރެސްޓް ހުންނަނީ އަޅުގަނޑަށް ހީވަނީ، އޭރު ގޭތެރެއިން ވަރަށް ގިނައިން ފެންނާނެ މެޑިކަލް ފޮތްތައް. މަންމަ ވެސް ނަރުހަކަށް ވާން ބޭނުންވެ ވަޑައިގެންނެވި ކަމަށް ހީވަނީ. ބައްޕަ ވެސް ވަރަށް ގިނައިން ކިޔުއްވާނެ (މެޑިކަލް) ފޮތްތައް. އެހެންވީމަ އެ އެއްޗެހި ފެންނާތީ އަޅުގަނޑު ވަރަށް ގިނައިން ކިޔަން އެ ފޮތްތައް. ފޮތް ކިޔާވަރުން މަންމަ އަޅުގަނޑަށް ކިޔާނީ ވެސް ބުކްވޯމް،" ޝަމްރާހު ކިޔައިދިނެވެ.

"މިހާރު މިކިޔަވަނީ ސާޖަރީ. ޖެނެރަލް މެޑިސިން އާއި ޖެނެރަލް ސާޖަރީ، ދެބައި އެއްކޮށް. އެކަމަކު ސާޖިކަލް ބައި ބޮޑަށް އެއީ އަޅުގަނޑު ޕްލާސްޓިކް ސާޖަރީއާ ދިމާލަށް ދާތީ،" މެޑިސިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމަށް ރަޝިއާގައި އުޅޭތާ ގާތްގަނޑަކަށް އަށް އަހަރުވެފައިވާ ޑޮކްޓަރު ބުންޏެވެ.

އެކަމަކު ވެސް އޭނާ ބުނީ ހިތް އޮތީ، އަދި ހިތް އޮންނާނީ ވެސް ދިވެހިންނާ އެކުގައި ކަމަށެވެ.

"މިކޮޅަށް ގައިމު ވެސް އަންނާނަން. ޕްލާސްޓިކް ސާޖަރީގެ މާކެޓް މިކޮޅުގައި އޮތްގޮތާއި އެކަން މިކޮޅަށް ބޭނުންވަނީ ކިހާ ވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގޭ. ހަމަ ގައިމުވެސް ބޭނުންވަންޏާމު އަޅުގަނޑުގެ ކޮންޓްރިބިއުޝަނެއް ދެވޭތޯ ބަލާލަން. އެއީ ކިތަންމެ ދުރުގައި ހުއްޓަސް ވެސް އަމިއްލަ ގައުމު ދެކެ ލޯބިވާނެ ދެއްތޯ."

ގަދަ ފަހެކަށް ކުރު ނަސޭހަތެއް!

ގަދަ ފެހަކާ ބެހޭ ގޮތުން ސުވާލުކޮށްލުމުން ޝަމްރާހު ވެސް ބުނީ ޝޯގެ ޖަޖު، ކުޑަ އިއްބެ ބުނާ ވާހަކައެކެވެ.

"ފަސް ކުދިން ވެސް، ޝޯގެ ޖަޖު އިއްބެ ވެސް އެ ބުނުއްވާ ފަދައިން، ވަރަށް ތަފާތު. ޝަލަބީއާ ދިމާވެގެން ބައެއް ޕޮއިންޓްސް ފާހަގަކޮށް ރަނގަޅުކޮށްލަން ޖެހޭ ތަންތަން ވެސް ކިޔައިދިން. އެކަމަކު ކަން ދިމާކުރި ގޮތުން ހުރިހާ ކުދިންނަކަށް އެހެން ވަކިވަކިން ދިމާވެ ވާހަކަ ދައްކާލުމުގެ ފުރުސަތެއް ނުލިބޭ،" ޝަމްރާހް ބުންޏެވެ.

"ހުރިހާ ކުދިން ވެސް އެ ތިބީ ވަރަށް ބޮޑަށް އިމްޕްރޫވްވެފައި. ހުރިހާ ކުދިންގެ ވެސް އެބަހުރި ސްކޯޕް. ވަރަށް ޔުނީކް. އެކަމަކު ހުރިހާ ކުދިންގެ ވެސް އެބަހުރި ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް. މިސާލަކަށް ޝަލަބީގެ ވެއްޖެއްޔާމު، ޕްރެޒެންޓޭޝަން. ދެން ލައިޝާ އަށް ބަލާ ނަމަ އޯވަރޯލްކޮށް ވަރަށް ރަނގަޅު، އެކަމަކު ބްރީދިންގަ އެބަހުރި ވަރަށް ކުދިކުދި މައްސަލަތަކެއް."

"ޒަލީފަށް ބަލާއިރު، ވަރަށް ރީތި ވޯކަލް ކޮންޓްރޯލާ އެއްޗެހި. އެކަމަކު އޯޑިއެންސާ ކަނެކްޝަން އެބަ ގެއްލޭ. އެރޭގެ ގެސްޓް ޖަޖު، ނަހުލާ ވެސް ފާހަގަކޮށްލި، ލޯ ހުޅުވާލާނެ ނަމައޭ ކިޔާފައި. އަޅުގަނޑަށް އެކޮޅުގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ވަރަށް ގިނަ އެކަހަލަ ކަންތައްތަކެއް ދަސްވެފައި ހުރީ."

"އެއީ ރޭޑިއޯއެއްގައި ނުވަތަ ސްޓޫޑިއޯއެއްގައި ރިކޯޑިންއެއް ހަދާ ކުއްޖަކާ، ޓީވީ ސްޓޭޖުމަތިން ފެންނަ ކުއްޖަކު ވަރަށް ތަފާތުވާނެ. އެ ކަނެކްޝަން އިންނަން ޖެހޭނެ. ކަނެކްޝަން އިންނަން ޖެހޭނީ ހަމައެކަނި ޖަޖަސްއިންނަކާއެއް ވެސް ނޫން. ބަލަން ތިއްބެވި ބޭފުޅުންގެ އިތުރުން އިމޭޖިނަރީ އޯޑިއެންސެއް ވެސް ގެންގުޅެވިދާނެ. ވަރަށް ބޮޑު ޓޮޕިކެއް މިއީ މިގޮތަށް ވާހަކަ ދައްކާ ނަމަ."