ފެޝަން

ޓޮޕް ފައިވް ސްޕެޝަލް: އެންމެ ރީއްޗަށް ހެދުން އެޅީ ކޮން ބައެއް؟

Apr 18, 2016
11

މޯލްޑިވިއަން އައިޑޮލްގެ ލަވައިގެ ފޯރިއަށް ވުރެ ފާހަގަކޮށްލަން ބޭނުންވަނީ މި ޝޯއެއްގައި ގެނެސްދެމުން އަންނަ ނުވަތަ ޝޯ އިން ބެލުންތެރިންގެ އުނގަށް ބަންޑުން ކުރަމުން އަންނަ ފެޝަން ޓްރެންޑްތަކާއި ޑިޒައިންތަކާއި ހިޔާލުތަކެވެ. ޔަގީނަށް ވެސް ޝޯ، އޭގެ ޓޮޕް ފަހެކަށް ތިރިވެފައިވާއިރު އެ ލަވަކިޔުންތެރިންގެ މެދުގައި އޮތް ވަރުގަދަ ބޮޑު ވާދަވެރިކަމަކާއި ފޯރިއެއް، މި ޝޯގެ ފެޝަން ޑިޒައިނަރުންގެ މެދުގައި ވެސް އެބައޮތެވެ.

އެ ހުނަރުވެރި ފެޝަން ޑިޒައިނަރުންނަށް ލިބެން ޖެހޭ ކްރެޑިޓާއި ދޭންޖެހޭ އިހްތިރާމް ދިނުމަށް ފަހު، އެމީހުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން އެންމެ ރީއްޗަށް ހެދުން އެޅި ލަވަކިޔުންތެރިންނާއި ޖަޖުން އަދި ޝޯގެ ދެ ހޯސްޓުންނަށް ބަލައިލަމާ ހިނގާށެވެ. އެންމެ ފުރަތަމަ އަހަރެމެން ފަށައިގަންނާނީ، ޝޯގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ ތިން ޖަޖުންނާ ހަމައިންނެވެ.

ޖަޖުންގެ ލުކްސް ގޯހެއް ނޫން!

މިއަށް ވުރެ އިތުރަށް ތައުރީފު އޮއްސާ ނަމަ ފަށަން ޖެހޭނީ ޝޯގެ އަންހެން ޖަޖު އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ނުވަތަ ކިޑީއާ ހަމައިންނެވެ. ސަބަބަކީ މުޅި މޯލްޑިވިއަން އައިޑޮލްގެ ޝޯ އަށް ބެލި ނަމަވެސް އެންމެ ރީއްޗަށް ހެދުން އަޅައިގެން ހުންނަ ކަމަށް ފާހަގަކުރެވޭ މޫނަކީ އެއީ ކަމަށްވާތީ އެވެ. -- އައްމަޑޭ އާއި ކުޑައިއްބެ، ރުޅި ނާންނައްޗެވެ!

އުނޫޝާގެ ޗޮއިސްތައް ނުވަތަ ލުކްސް ހާއްސަވަނީ ކިހިނެތް ހެއްޔެވެ؟ އެ ދިމާލަށް ޖެހިލަމާ ހިނގާށެވެ.

މޯލްޑިވިއަން އައިޑޮލް ގަވާއިދުން ބަލާ މީހަކަށް އަޅުގަނޑު ނުވިޔަސް، ޝޯގައި މިހާތަނަށް އުނޫޝާ ދައްކާލި ހެދުންތަކާއި އޭނާގެ ފަރިކަން ވަރަށް ބޮޑަށް ވަނީ ލޮލުގައި އަޅައިގަނެފަ އެވެ. ޝޯއަށް ހާއްސަކޮށްގެން އޭނާ ސްޓައިލްކުރާ މީހަކަށް އަތްޖަހާވަރުވެ އެވެ.

އުނޫޝާގެ ސްޓައިލިން އަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އުނޫޝާގެ އޮރިޖިނާލިޓީ ގެއްލިގެން ނުގޮސް ހުންނަ ހުރުމެވެ. އުނޫޝާ އަކީ ޕޮޕް ސްޓާރެެކެވެ. ފަހުރުވެރި، ހުނަރުވެރި، ޝޯގެ ޖަޖު ކުޑަ އިއްބެ ބުނާ ރާގުގައި ނަމަ، ނިކަން ސަޅި އަންހެނެކެވެ.

އެހެންވީމަ ޕޮޕް ސްޓާރެއްގެ ލުކް އަދި އެޖީ ސްޓައިލްއެއް ދަމަހައްޓަން އުނޫޝާގެ ހެދުންއެޅުމުގެ ވައްޓަފާޅީގައި މަސައްކަތްކޮށްފައިވާ މިންވަރު ފާހަގަކޮށްލެވެ އެވެ. ވަކިން ހާއްސަކޮށް އަޅާ ހެދުމަކާ ގުޅޭ ގޮތަކަށް ހެއާ އަދި މޭކަޕް ހުންނަކަން ފާހަގަކޮށްލެވެ އެވެ.

ނިމިގެން ދިޔަ ހަފުތާ ބަންދުގެ ޝޯއަށް ބަލައިލާއިރު އުނޫޝާ ފެނިގެން ދިޔައީ ތަންކޮޅެއް ގްރަންޖު ލުކެއްގަ އެވެ. އެއީ ބޭނުންކޮށްފައި ހުރި ސީކުއިން ޓީޝާޓާއި އޯވާސައިޒްޑް ޓީޝާޓުގެ ސަބަބުންނެވެ. ސީކުއިން ނުވަތަ ވިދާބަބުޅާ ކުރު ޓީޝާޓުގެ ސަބަބުން އުނޫޝާގެ އެޖީ ސްޓައިލްގަނޑު އިތުރަށް ބޮޑުކޮށްދެ އެވެ.

އެކަމަކު ލައިގެން ހުރި ސްކާޓް އަދި އެއަށް ވުރެ މާ ފުރިހަމަކުރެވުނީސް ހެން ހީވެ އެވެ. އަދި ވެއިސްޓްގައި ކޮންމެވެސް އެއްޗެއް ބޭނުންކޮށްލި ނަމަވެސް ފުރިހަމަވީސް އެވެ. ދެ ވަނަ ރޭގަ އޭނާ ފެނިގެން ދިޔަ ހެދުމުގެ ސްޓައިލަށް ބަލައިލާއިރު ވިކްޓޯރިއަން ގޮތިކް ލުކެއްގެ ސްޓައިލް ވެސް ޖެހިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ދެން އެހެން ވާހަކައެކެވެ. ރަތް ކުލައާ ގުޅުން ނެތް ކުލައެއްގެ ޓޮޕެއް ވެސް ވަރަށް ރަނގަޅުވާނެ ކަމަށް ފެނެ އެވެ. އޭރަށް، އުނޫޝާގެ ރެޑް ވައިން ލިޕްސްޓިކާއި ރަތް ކުލައިގެ އިސްތަށިގަނޑާ އެވަރަކަށް ނޯޅޭނެ އެވެ. ފުރިހަމަ ރީތިކަން ފާޅުވާނީ އޭރުންކަން ޔަގީނެވެ.

އުނޫޝާގެ މި ހިތްގައިމުކަން މިހެން އޮތް ނަމަވެސް އައްމަޑޭގެ ސްޓައިލްއަކީ ހުކުރު ދުވަހުގެ ރެއަށް ބަލާއިރު ފެވަރިޓެވެ. އެ ލުކްސް އިން ދިން ގޮތިކް ވައިބް ވަރަށް ވެސް ސަޅި އެވެ. އެކަމަކު ފުރިހަމަނުވާކަން ފާހަގަކޮށްލަން ޖެހެ އެވެ. މިސާލަކަށް އިތުރަށް އެކްސެސަރީސް ބޭނުންކޮށްލި ނަމަ އިތުރަށް ފުރިހަމަވެ އިތުރަށް ޕޮލިޝްކުރެވުނީސް އެވެ.

އެލިމިނޭޝަން ނައިޓްގައި ވެސް އައްމަޑޭ ފެނުނީ ވަރަށް ސަޅިކޮށެވެ. ކަލާ ކޮމްބިނޭޝަން ވަރަށް ފުރިހަމަ ކަމަށް ފާހަގަކުރެވުނެވެ. އެކަމަކު ޖެކެޓް ހަޑިއެވެ.

އިއްބެ އަށް ބަލައިލާއިރު ދެ ރޭ ވެސް ފެނިގެން ދިޔައީ ވަރަށް އެއްގޮތް ސްޓައިލްތަކެއްގަ އެވެ. ވެލްވެޓް ބްލޭޒާ އާއި ޓީޝާޓްގަ އެވެ. އެއީ 70 އިގެ ކްލެސިކް ލުކެކެވެ. އަޅުގަނޑުގެ ހަނދާނުގައި ކުޅެލީ ބީޓްލްސްގެ ލަވައެކެވެ.

ލައިޝާގެ ލަވަކިޔުން ވަރަށް ކަމުދޭ، ހެދުންތައް ސަކަރާތް!

ޝޯގެ ލަވަކިޔުންތެރިންނަށް ބަލާއިރު ހަމައެކަނި އަންހެން ބައިވެރިޔާ ކަމުގައިވާ ލައިޝާއާ ހަމައިން ފަށަމާ ހިނގާށެވެ. ހަގީގަތަކީ މިއެވެ. އެއީ އަޅުގަނޑުގެ ފެވަރިޓެވެ. އެކަމަކު އޭނާގެ ހެދުންއެޅުމުގެ ސްޓައިލް، މި ބުނީ ޝޯގައި އޭނާ ހެދުންއަޅުވާފައި ހުންނަ ގޮތް، ކަމަކުނުދެ އެވެ. އޭނާގެ ޓްރޭޑްމާކް، ބަބްލީ ޓޮމްބޯއި ޕާސަނާލިޓީއާ ވެސް އެއްވެސް ވަރަކަށް ނުގުޅެ އެވެ. އެ ހެދުންތަކުގެ ލުކް މާ "މުސްކުޅީ" އެވެ.

ގަބޫލުކުރެވޭ ގޮތުގައި ލައިޝާ އަށް ހެދުން ޑިޒައިންކުރާ މީހަކު ވިސްނަން ޖެހެނީ އެމީހެއްގެ އަމިއްލަ ހިޔާލެއް ނެރުމަށް ވުރެ ބޮޑަށް ލައިޝާގެ ހިތްގައިމުކަން ދެއްކުމަށެވެ. ސަބަބަކީ ލައިޝާ އަށް ފެޝަން ޑިޒައިނަރެއް ހަމަޖައްސާފައި ވަނީ ލައިޝާގެ ފުރިހަމަކަން ދެއްކުމަށް ކަމަށްވާތީ އެވެ.

މީގެ އިތުރުން ލައިޝާގެ މިދިޔަ ދެ ރޭގެ ހެދުންތަކަށް ބަލާއިރު ލޯ ވެއިސްޓް ލައިނެއް ހެދުމުގައި ބޭނުންކޮށްފައިވުމުން ލައިޝާ އިތުރަށް "ވައިޑް" ވާހެން ހީވެ އެވެ. ދެ ރޭ ވެސް ވީ އެހެންނެވެ. އޭނާގެ ސްކާޓްގެ ލެންތަށް ބަލާއިރު ލައިޝާގެ އިސްކޮޅު ކުރުކަމަށް ދައްކަނީ އެވެ.

މީގެ އިތުރުން އެހެން ބޮޑު މައްސަލައެކެވެ. އޭނާގެ ސްޓައިލިންގައި ބޭނުންކޮށްފައިވާ އެކްސެސަރީޒްތައް މާ ބޮޑަށް އެއްގޮތްވުމަކީ ފެޝަންގެ އުސޫލާއި ގަވާއިދުތަކަށް ބަލާއިރު ގޯހެކެވެ. މިސާލަކަށް އެއް ކުލައެއްގެ ފައިވާން، ބެލްޓް، ކަރުގައަޅާ ފަށް ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މިއަށް ކިޔާނީ "ފެޝަން ޑޯންޓް" އެކެވެ.

ލައިޝާގެ މޭކަޕް ލުކްސްތައް ވަރަށް ވެސް ހިތްގައިމެވެ.

އިޝާން އަށް ބަލާއިރު ވެލްވެޓް ބްލޭޒާ ވަރަށް ވެސް ސަޅި އެވެ. ދެ ރޭ ވެސް، މުޅި ސްޓައިލް އަށް ބަލާއިރު 70 އިގެ އަސަރު ބޮޑެވެ.

ޝަލަބީ އަށް ބަލާއިރު ޔޫތުފުލް އަދި އޮރިޖިނަލް އެވެ. ހުކުރު ދުވަހު ފެނުނީ ކުޑަކޮށް ސްޓީމް ޕަންކް، އެނިމޭ ސްޓައިލެއްގަ އެވެ. ޖެހިގެން އައިރޭގެ ގަމީސް ވަރަށް ތަފާތެވެ. ވަކިން ހާއްސަކޮށް ބަޓަން ޕްލެކެޓްސް އަދި ކަފްސް އަށް ޑީޓެއިލް ގެނެސްދޭ ގޮތް ސަޅި އެވެ. އެކަމަކު ދެ ރޭގެ ދެ ލުކްސް ވަރަށް ތަފާތުކަން ފާހަގަކޮށްލެވުނެވެ.

ލަވަކިޔުންތެރިންނަށް ބަލާއިރު ޒަލީފާއި ފާލިހްގެ ހެދުންތައް ވަރަށް ގޯހެވެ.

ޒަލީފްގެ ފްރައިޑޭ ލުކާ މެދު ބުނާނެ އެއްޗެއް ވެސް ނޭނގެ އެވެ. އޭނާގެ ޖެކެޓްގައި ބޭނުންކޮށްފައި ހުރި ލޭސް އެއްގޮތަކަށް ވެސް ނުގުޅެ އެވެ. އެކަމަކު ޖެހިގެން އައިރޭ އޭނަ ހެދުން އަޅައިގެން ހުރި ގޮތް ކަމުދިޔަ އެވެ. އެ ރޭ ވަރަށް ވެސް ފުރިހަމަ އެވެ.

ފާލިހަށް ބަލާއިލާއިރު ޝޯގެ ހޯސްޓް މޫސާ ވަސީމްއާ އެކު ގޯސް ހިސާބަށް ވެއްޓިފައިވާކަން ފާހަގަކޮށްލެވުނެވެ. މިސާލަކަށް އެ ދެ މީހުންގެ ސްޓައިލް އެންމެ ވައްތަރީ އިންޑިއަން ރެސްޓޯރެންޓެއްގެ ޑޯމަނެއްގެ ސްޓައިލާ އެވެ. ނުވަތަ މޫސަގެ ސްޓައިލް ބޮޑަށް ވައްތަރީ ސައިންސް ފިކްޝަން ލުކަކާ އެވެ.

ޑިޒައިން ވައިސްކޮށް ބަލާ ނަމަ އެގޮތް އޯކޭ އެވެ. އެކަމަކު މިއީކީ މިފަދަ ޝޯއަކަށް ކަމުދާ ވަރެއް ނޫނެވެ. ސަބަބަކީ އެގޮތަށް ހެދުން އެޅުވީމަ، ކޮސްޓިއުމް ޕާޓީއަކާ މާ ބޮޑަށްވައްތަރުވާހެން ހީވާތީ އެވެ. ކޮސްޓިއުމް އާއި ފެޝަން އަކީ މުޅިން ތަފާތު ދެ އެއްޗެއްކަން އެނގެ ޖެހެ އެވެ.

ދެ ވަނަ ހޯސްޓް މައުރީން އަށް ބަލާއިރު ހުކުރު ދުވަހުގެ ލުކްސް ވަރަށް ވެސް ސަޅި އެވެ. ސިލޫޓް ގޮތްގަނޑު އޭނައާ ވަރަށް ގުޅެ އެވެ. އެކަމަކު ބޭނުންކޮށްފައިވާ ވެލްވެޓް ފެބްރިކްގެ ޗޮއިސްއާ މެދު އެއްޗެއް ބުނާކަށް ނޭނގެ އެވެ. އެންމެ ކަމުނުދަނީ އެވެ. އެކަމަކު މައުރީންގެ ފިގާ ފާޅުކޮށްދޭން ޑިޒައިން ވައިސްކޮށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. ހަގީގަތުގައި ވެސް ވަރަށް އެލެގެންޓްވެފައި ކްލެސީ އެވެ.

އޭނަގެ ދެ ވަނަ ރޭގެ ހެދުން ވެސް ވަރަށް ހިތްގައިމެވެ. ވަކިން ހާއްސަކޮށް ކޮނޑުމަތިން ދައްކާލަދީފައިވާ ޑީޓެއިލް އިން އިތުރު ތަފާތުކަމެއް ގެނެސްދެ އެވެ.

އެޑިޓަރުގެ ނޯޓް: މި ރިވިއު ލިޔެފައި ވަނީ ފެޝަން ޑިޒައިންގެ ދާއިރާ އިން ޑިގްރީ ހާސިލުކޮށްފައިވާ ޒުވާން ފެޝަން ޑިޒައިނަރު، އައިޝަތު ހަޒްމަތު އާގިލް (ނޯނި) އެވެ. ނޯނި އަކީ އަވަސް އިން ކުރިއަށް ގެންދާ "އަވަސް ވީކެންޑް އިންޓަވިއު" ސެގްމަންޓްގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރާ އެކަކެވެ.