ހަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހާ ޓެކްސީގައި އިން ކަމެއް ޑްރައިވަރަކަށް ނޭނގޭ: ފުލުހުން

Feb 2, 2015

ނުކުޅެދުންތެރިކަން ހުންނަ މީހަކު ގޮވައިގެން ޓެކްސީ ޑްރައިވަރަކު އިއްޔެ ހަވީރު "ފިލި" ކަމަށް ބުނާ މައްސަލަ ބެލިއިރު ޓެކްސީގެ ފަހަތު ސީޓުގައި އެ އަންހެންމީހާ އިން ކަމެއް ޑްރައިވަރަށް ނޭނގޭ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ޓެކްސީ ދަތުރު ނިންމުމަށް ފަހު، ގެއެއްގެ ކައިރިއަށް މަޑުކުރުމުން، އެވަގުތު ޓެކްސީގައި އިން އެހެން އަންހެނަކު ކާރުން ފައިބައި  ޓެކްސީގެ ދޮރުލެއްޕުމާއެކު، ކާރުގެ ފަހަތު ސީޓުގައި އިތުރު މީހަކު ނެތް ކަމަށް ބަލައި އެހެން ދަތުރަކަށް ދާން ޓެކްސީ ނައްޓާލުމުން ކަމަށެވެ. ނުކުޅެދުންތެރިކަން ހުރި އަނހެންމީހާ ކާރުގެ ފަހަތުގެ ސީޓުގައި އިން ކަން ޑްރައިވަރަށް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އޭނާ އަށް ޖިންސީ އަދި ޖިސްމާނީ ގޮތުން އެއްވެސް ގޯނާއެއް ކޮށްފައި ނުވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.