ދުނިޔެ

ބްރެޒިލްގެ ރައީސް މަގާމުން ދުރުކުރުމުގެ މަރުހަލާ ފަށައިފި

ބްރެސީލިއާ (18 އެޕްރީލް) - މިވަރުގެ ފޯރިގަދަ ދުވަހެއް ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ފަހުގެ ތާރީޚެއްގައި ފެނިގެން ދިޔަހެނެއް ހީއެއް ނުވެ އެވެ. އެގައުމުގެ ރައީސް ދިލްމާ ރޫސެފް މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް، ގާނޫނު ހަދާ މަޖިލީހުގެ ތިރީ ގެ، ކޮންގްރެސް އިން ފާސްކުރީ އެވެ.

ހަ ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދިގުދެމިގެން ދިޔަ ހޫނު ބަހުސްތަކާއި ޒުވާބާއި މާރަމާރީއަށް ފަހު، ރޫސެފް މަގާމުން ވަކިކުރުމުގެ ތަހުގީގު ފަށަން ފާސްކޮށްފައި ވަނީ ބޭނުންވި ވޯޓަށް ވުރެ ވެސް މަތިން ވޯޓް ހޯދައިގެންނެވެ. ރޫސަފްއާ އެއްކޮޅަށް 137 މެމްބަރުން ވޯޓް ދެއްވިއިރު އެކަމަނާއާ ދެކޮޅަށް ވޯޓް ދިން މެމްބަރުންގެ އަދަދަކީ 367 އެވެ.

މި މޯޝަން ފާސްކުރުމަށް ބޭނުންވި އަދަދަކީ 342 މެމްބަރުންގެ ވޯޓެވެ. މި ވޯޓް ކުރިއަށް ދިޔައިރު ރޫސެފްގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުން މަޖިލިސް ދޮށުގައި ވަރުގަދަ މުޒާހަރާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

މަޝްހޫރު އިކޮނޮމިސްޓެއްގެ ގޮތުގައި ބްރެޒިލްގެ ރައީސް ކަމަށް 2011 ވަނަ އަހަރު ވަޑައިގެންނެވި ރޫސެފް އަކީ ބްރެޒިލްގެ ފުރަތަމަ އަންހެން ރައީސެވެ. އެކަމަނާ މަގާމުން ދުރުކުރުމުގެ ކެމްޕޭނެއް ފަށާފައި ވަނީ 2014 ވަނަ އަހަރުގެ ރީއިލެކްޝަންގެ ކެމްޕޭނަށް ދައުލަތުގެ ޚަޒާނާއިން ފައިސާ ހޭދަކުރެއްވި ކަމަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

ބްރެޒިލްގެ ކޮންގްރެސް އިން، ފާސްކުރި މޯޝަން ދެން ދާނީ ސެނެޓަށް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތީގެއަށެވެ. އެއަށް ފަހު ސެނެޓުން މި މޯޝަން ފާސްކޮށްފި ނަމަ 180 ދުވަހަށް މަގާމާ ދުރަށް ޖެހިވަޑައިގަތުމަށް މަޖުބޫރުވެ އެކަމަނާގެ މައްޗަށް ތަހުގީގެއް ފަށާނެ އެވެ. ސެނެޓުން މި މޯޝަން ފާސްކުރުމާ އެކު އަންނަ މަހުގެ މެދުތެރޭގައި ރޫސެފް މަގާމުން ސަސްޕެންޑްކުރާނެ ކަމަށް ބެލެވެ އެވެ.

ރޫސެފްގެ މައްޗަށް އުފުލޭ ދައުވާ އަކީ ހަގީގަތެއް ކަމަށް ކޯޓުން ހުކުމް ކޮށްފިނަމަ 2018 އާއި ހަމަޔަށް ނައިބު ރައީސް މިޗެލް ޓެމާ ވެރިކަމާއި ހަވާލު ވާނެއެވެ. ނަމަވެސް ބުނެވޭ ގޮތުގައި ޓެމާގެ ޕާޓީ، ބްރެޒީލިއަން ޑިމޮކްރެޓިކް މޫވްމަންޓަކީ ވެސް ރޫސެފްގެ ކޮރަޕްޝަންގެ މައްސަލައިގައި ބައިވެރިވެފައިވާ ޕާޓީއެކެވެ.

އެހެންކަމުން ރޫސެފަށް ފަހު ވެސް މި މައްސަލައަށް ނިމުމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ކޮރަޕްޝަންގެ ތުހުމަތަށް ރޫސެފް އެއްކޮށް ދެކޮޅު ހައްދަވަ އެވެ.