ރައީސް އަބްދުﷲ ޔާމީން

ގެއްލުނު 10 އަހަރުގެ ތަރައްގީ ގެނެސްދޭނަން: ރައީސް

ރާއްޖެއަށް 10 އަހަރުގެ ތަރައްގީ ގެއްލިފައިވާ ކަމަށާއި އެ ތަރައްގީ އަލުން ގެނެސްދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، އެ 10 އަހަރަކީ ރާއްޖެއަށް ލިބެންވާ ތަރައްގީ ނުލިބި ބޭކާރުވެގެން ދިޔަ 10 އަހަރު ކަމަށެވެ.

ގއ. ދެއްވަދޫ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ފަސް އަހަރާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު އައި ފަސް އަހަރަކީ ރާއްޖެއަށް ގެއްލުނު 10 އަހަރު ކަމަށެވެ.

"ރައީސް މައުމޫންގެ ޒައާމަތުގެ ފަހު ފަސް އަހަރުގެ އެންމެ ފަހު ދެ އަހަރަކީ ތަރައްގީގެ ބިނާކުރެވެނިވި މަސައްކަތްތަކެއް ކުރުމަށް އެމަނިކުފާނަށް ހުރަސްއެޅި ގެއްލިގެން ދިޔަ ދެ އަހަރު، މުޅިން ވެސް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހުނީ ސިޔާސީ އޮއިވަރާ ދެކޮޅަށް ރައްޔިތުން ސަލާމަތްކުރުމަށް، އުމުރާނީ ތަރައްގީ މުޅި ރާއްޖެ ތެރެއިން ވެސް ފުހެވިގެން ދިޔަ، އެކަމަށް އަޅުގަނޑުމެންނަށް ވަގުތެއް ނުލިބުނު، މަސްއޫލުވެގެން އުޅެން ޖެހުނީ ކޮންމެވެސް ހައްގެއް ގެއްލިގެން ކޮންމެވެސް ފަރަންޖީއަކު ވާހަކައެއް ދައްކައިގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެން މިދިޔައީ ހަލަބޮލިވެގެން ދިޔަ ދުވަސްތަކެއް، ތަފާތު ވެރިކަމަކާއެކީ ތަފާތު ފިކުރަކާ އެކީ ރާއްޖެއަށް ތަރައްގީ ގެނެވޭތޯ ބެލީ، ވެރިކަމެއް ބަދަލުވެގެން ދިޔައީ، އެކަން ބަދަލުވި ގޮތް ބޭރުގެ ކަރަކަރައިގައި ތިބި މީހުންނަށް މާ މުހިންމުވި، އެކަމުގެ ތެރޭގައި އަޅުގަނޑުމެން ފަސް އަހަރު ނަގާލައިފިން، މިއީ ރާއްޖޭގެ ތަރައްގީން ގެއްލުނު 10 އަހަރު،"

ރައީސް ޔާމީން ވިދާޅުވީ، ގެއްލިގެން ދިޔަ 10 އަހަރަކީ ވެސް މުޅި ރާއްޖެއަށް ތަރައްގީ ގެނެވޭނެ އަހަރުތަކެއް ކަމަށާއި، ގެއްލުނު 10 އަހަރުގެ ތަރައްގީގެ ބަދަލުގައި ކޮށްދޭނީ ކޮން ކަމެއްތޯ ނުވަތަ އެކަމުގެ ޒިންމާ ނަގާނީ ކޮން ބައެއްތޯ މިއީ ސުވާލު އުފައްދަންޖެހޭ ކަންކަން ކަމަށެވެ. ރާއްޖޭގެ އާބާދީއަކީ ޒުވާން އާބާދީއަކަށްވާއިރު 10 އަހަރު ގެއްލިގެން ދިޔުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތުން ހިޔާނަތްތެރިވެވެނީ ހަމައެކަނި ދައުލަތުގެ ފައިސާއަށް ނޫން ކަމަށާއި ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ނުހިފުމަކީ ވެސް ދައުލަތަށް ހިޔާނަތްތެރިވުން ކަމަށެވެ. އެއީ، ދައުލަތަށްވެވޭ އެންމެ ބޮޑު ހިޔާނަތް ކަމަށެވެ.

"ފުރުސަތުތަކުގެ ބޭނުން ހިފުން ނަމަ ރާއްޖެ މިހާރު އޮންނާނީ މި ހިސާބަކު ނޫން، ޒުވާނުންނަށް ފުރުސަތުތައް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ހިންގާ ތަރައްގީ މަޝްރޫއުތަކަށް އެއްބާރުލުންދީގެން މި ފަސް އަހަރަކީ ބޭނުންތެރި ފަސް އަހަރަށް ހެދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. ފާއިތުވެ ދިޔަ ދެ އަހަރު ތެރޭގައި ވެސް ތަރައްގީއަށާއި ޒުވާނުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ. އަދި ގެއްލުނު 10 އަހަރުގެ ތަރައްގީ ވެސް ގެނެސްދެއްވާނެ ކަމަށެވެ.