އޮފްބީޓް

ހީތްރޫ އެއާޕޯޓްގައި ޖައްސަންދިޔަ ބޯޓެއްގައި ޑްރޯންއެއް ޖެހިއްޖެ

އިނިގިރޭސި ވިލާތުގެ މައި އެއާޕޯޓް ކަމަށްވާ ހީތްރޫ އެއާޕޯޓްގައި ޖައްސަން ދިޔަ ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓަކާއި ޑްރޯން އެއްޖެހި އެ މައްސަލަ ތަހުގީގް ކުރަން ފަށައިފި އެވެ. މި މައްސަލަ ތަހުގީގް ކުރަމުންދަނީ މެޓްރޯޕޮލިޓަން ފުލުހުންގެ އޭވިއޭޝަން ސެކިއުރިޓީ ޔުނިޓުންނެވެ.

މިއީ އިނގިރޭސިވިލާތުގައި ޑްރޯންއަކުން ފްލައިޓެއްގައި ޖެހުނު ފުރަތަމަ ފަހަރެވެ. މި ބޯޓަކީ ޖެނީވާއިން ފުރައިގެން އައި ބޯޓެކެވެ. މި އެކްސިޑެންޓު ހިނގިއިރު ބޯޓުގައި 132 ފަސިންޖަރުންނާއި ފަސް ކްރޫއިން ތިއްބެވެ.

މި އެކްސިޑެންޓާ ގުޅިގެން އެގައުމުގެ ސިވިލް އޭވިއޭޗަން އޮތޯރިޓީން ބުނީ އެއާޕޯޓުތައް ހިމެނޭ ސަރަހައްދުތަކުގައި ޑްރޯން ދުއްވުމަކީ ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށެވެ. އަދި މިޑްރޯން އަކީ ފިލްމެއް ނުވަތަ ފޮޓޯ ނަގަން ގެންގުޅުނު ޑްރޯންއެއް ކަމަށް ބެލެވޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަހަރުގެ ކުރީކޮޅި ބައިނަލްއަގްވާމީ އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން އިން ވަނީ އަމިއްލަ ފަރާތްތަކުން ދުއްވާ ޑްރޯންތަކުން ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.