ހަބަރު

"ސިފައިން ތިބެންޖެހޭނީ ސިޔާސީ ހަރަކާތާ ދުރުގައި"

Feb 2, 2015

ސިޔާސީ ހަރަކާތްތަކާ ދުރުގައި ތިބޭ ބަޔަކަށް ސިފައިވެގެން ތިބުމުން ޑިފެންސް މިނިސްޓަރު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ސިފައިންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. މިއީ ޑިފެންސް މިނިސްޓަރުކަމާ މޫސާ ޢަލީ ޖަލީލު ހަވާލުވެ ވަޑައިގަތުމަށްފަހު ސިފައިންނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޖަލީލް ވިދާޅުވީ ސިފައިންނަކީ ވަރަށް ހާއްސަ ތަމްރީނުތަކެއްގެ އަލީގައި އަސްކަރީ އަދަބުގެ ތެރެއިން ގައުމަށް ވަރަށް އިހްލާސްތެރި މަސައްކަތެއް ކުރަމުން ގެންދާ ބައެއް ކަމަށާއި އިސްލާމްދީނާއި ރާއްޖެއަށް ތެދުވެރި، އަމާނަތްތެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް އަބަދުވެސް އަޒުމު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ސިފައިންނަކީ ސިޔާސީ އެންމެހާ ހަރަކާތްތަކުން ދުރުވެ ތިބޭބަޔަކަށް ވާންޖެހޭ ކަމަށެވެ.

"ސިފައިންނަކީ އަސްކަރީ އުސޫލީ މިންގަޑުތަކުގެތެރޭގައި ތިބެންޖެހޭ ބައެއް އެއުސޫލުގެ މަތިން ސިފައިންގެ ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރަން،" ޖަލީލް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަޙްމަދު ޝިޔާމުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިފާނުގެ ވާހަކަފުޅުގައި ކޮންމެ ސިފައިންގެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކޮށް، ކުރާ ކޮންމެ ކަމެއްގައިވެސް އަސްކަރީ އަހުލާގެ އެންމެމަތީ ދަރަޖައިގައި ބަހައްޓަން އެދި ވަޑައިގެންނެވި އެވެ.