ރިޕޯޓް

ގެދޮރު އިމާރާތް ކުރަން ބީއެމްއެލްއިން ދެނީ ކޮން ފުރުސަތެއް؟

Apr 20, 2016
1
  • ހައުސިން ލޯނުގެ އިންޓްރެސްޓް ރޭޓް ދެ ޕަސެންޓް ދަށް
  • ލޯނު ދައްކަން ލިބޭ މުއްދަތު 20 އަހަރަށް ބަހާލެވޭ
  • މާކެޓުގައި އެންމެ ހެޔޮ އަގުގައި ލޯނު ލިބޭ

ގެދޮރު އިމާރާތް ކުރަން ލޯނު ނަގާ މީހުންގެ ބޮޑު ޝަކުވާއެއް އޮވެ އެވެ. ލޯނުތަކުގެ އިންޓްރެސްޓް މާ ބޮޑީ އެވެ. މިއީ ރާއްޖޭގައި އިމާރާތް ކުރުމަށް އޮތް އެއް ގޮންޖެހުމެވެ. މިކަމުން ސަލާމަތްވުމަށް ގައުމީ ބޭންކުން މި ވަނީ އިންޓްރެސްޓް ރޭޓް ދަށްކޮށްފަ އެވެ. ސުވާލަކީ މި ދަށްކުރުމާއެކު ލޯނު ނަގާ ފަރާތްތަކަށް ލިބިގެން ދިޔައީ ކޮން ލުޔެއް ހެއްޔެވެ؟

"ހައުސިން ލޯނުގެ ތިން ލޯނުގެ އިންޓްރެސްޓް ރޭޓު ވެސް މިވަނީ ދަށްކޮށްފަ. މިދަށް ކުރުމާއެކު ލޯނު ނަގައިގެން އިމާރާތް ކުރާ ފަރާތްތަކަށް ރަނުގެ ފުރުސަތުތަކެއް ހުޅުވިގެން މިދަނީ،" ބީއެމްއެލް ރީޓެއިލް ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރު ބަދުރުއްދީން ހަސަން ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ހައުސިން ލޯނުގެ ގޮތުގައި ތިން ބާވަތެއްގެ ލޯނު ދޫކުރެ އެވެ. މި ލޯނުތަކުގެ ތެރޭގައި ހިމެނެނީ ގެދޮރު ގަތުމަށް ދޫކުރާ ހޯމް ލޯނާއި އިމާރާތް ކުރުމަށް ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ލޯނާއި ކުންފުނިތަކުން ހިންގާ ހައުސިން މަޝްރޫއުތަކަށް ދޫކުރާ ރިއަލް އެސްޓޭޓް ލޯނެވެ.

ލޯނުތަކުގެ އިންޓްރެސްޓް ކުޑަވަނީ ކިހާ ވަރެއް؟

ހޯމް ލޯނު:
ކުރިން 11 ޕަސެންޓް އިންޓްރެސްޓް ރޭޓް
މިހާރު: 9-10 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ލިބޭ

ހޯމް ކޮންސްޓްރަކްޝަން ލޯނު:
ކުރިން: 11.5 ޕަސެންޓުގައި
މިހާރު: 9.5-10.5 ޕަސެންޓާ ދެމެދުގައި

ރިއަލްއެސްޓޭޓް ލޯނު:
ކުރިން: 12 ޕަސެންޓް
މިހާރު:10-11 ޕަސެންޓާ ދެމެދު

ބީއެމްއެލް އިން ވާހަކަ ދެއްކެވި ބަދުރު ވިދާޅުވީ ލޯނަށް އިކުއިޓީ އިންވެސްޓްކުރާ ވަރަކަށް އިންޓްރެސްޓް ރޭޓް ކުޑަ ކުރެވޭނެ ކަމަށެވެ.

"އާއްމުކޮށް އިކުއިޓީގެ ގޮތުގައި، ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ދައްކާ. މިގޮތަށް އިންވެސްޓްކުރާ ނަމަ ނުވަ ޕަސެންޓާ ހަމައަށް ވެސް އިންޓްރެސްޓް ރޭޓް ކުޑަކުރެވޭނެ،" ބަދުރު ވިދާޅުވި އެވެ.

ބީއެމްއެލް އިން ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލާއެކު ވަރަށް ބޮޑު އެއްޗެއް ލޯނު ނަގާ މީހުންނަށް ސަލާމަތް ކުރުމުގެ ފުރުސަތު މި ވަނީ ލިބިފަ އެވެ. މިސާލަކަށް ބަލާނަމަ ގެދޮރު އިމާރާތް ކުރުމަށް އަށް މިލިއަން ރުފިޔާގެ ލޯނެއް ނެގުމުން މިހާރުގެ ރޭޓުން ބަލާނަމަ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ރައްކާ ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ގޮތުގައި ތިން މިލިއަން ރުފިޔާ ނަގައިފިނަމަ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާ ރައްކާ ކުރެވޭނެ އެވެ. އަދި ރިއަލް އެސްޓޭޓް ލޯނުގެ ގޮތުގައި 20 މިލިއަން ރުފިޔާ ނަގައިފިނަމަ އެ ކުންފުންޏަކަށް 4.5 މިލިއަން ރުފިޔާ ރައްކާ ކުރުމުގެ މަގު ފަހިވާނެ އެވެ.

"ރިއަލް އެސްޓޭޓް ލޯނު މި ދޫކުރަނީ ގެސްޓް ހައުސް ފަދަ ތަންތަން އިމާރާތް ކުރަން،" ބަދުރު ވިދާޅުވި އެވެ.

ބޭންކުން ގެނެސްފައިވާ މި ބަދަލުތަކާއެކު ލޯނު ދައްކަން ލިބޭ މުއްދަތު ވެސް މިވަނީ އިތުރުކޮށް އެވެ.ކުރިން ލިބެނީ 15 އަހަރެވެ. ނަމަވެސް މިހާރު 20 އަހަރު ލިބޭނެ އެވެ.

ބަދުރު ވިދާޅުވީ ލޯނު ދައްކަން ލިބޭ މުއްދަތު ދިގު ކުރުމުން މަހެއްގެ މައްޗަށް ދައްކަން ޖެހޭ އަދަދު މަދުވެގެންދާނެ ކަމަށެވެ.

"ކުރިން ލޯނުގައި ހުންނަ އެރޭންޖުމަންޓް ފީތައް ވެސް ވާނީ ކުޑަކޮށްފައި. މިއީ ވެސް ލިބޭ ފަސޭހައެއް. ލޯނު ދައްކަން ދިގު މުއްދަތެއް ލިބުނީމަ ގިނަ ބަޔަކަށް ލޯނު ނެގޭނެ،" ބަދުރު ވިދާޅުވި އެވެ.

އިންޓްރެސްޓް ރޭޓްތަކަށް މި ބަދަލު ގެނެސްފައިވާއިރު ގެދޮރު އިމާރާތް ކުރުމުގެ ބާޒާރުގައި ބީއެމްއެލް މިވަނީ ކުރި ހޯދާފަ އެވެ. ވާދަވެރި އެހެން ކުންފުނިތަކުގެ އިންޓްރެސްޓް ރޭޓް ހުރި ގޮތަށް ބަލާއިރު އެމްއެފްއެލްސީގެ ހައުސިލް ލޯނު ސްކީމްގެ އިންޓްރެސްޓް ރޭޓް އުޅެނީ ގާތްގަނޑަކަށް 11.5-12.5 ޕަސެންޓުގަ އެވެ. އަދި އިސްލާމިކް ބޭންކް 10.5-12 ޕަސެންޓުގައި ރޭޓްތައް ހުރިއިރު ބީއެމްއެލްގެ ރޭޓްތައް މިވަނީ 9-11 ޕަސެންޓަށް ދެމެދަށް ތިރިވެފަ އެވެ.

ބަދުރު ވިދާޅުވީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ގެނައި ބަދަލާއެކު ޑިމާންޑް ވެސް ބޮޑު ވެގެން ގޮސްފައިވާ ކަމަށެވެ.

"ލޯނުގެ ވާހަކަ ދައްކަން ފެށީމަ މީހުން ގުޅާފަ ބުނޭ ކޮން އިރަކުންހޭ ލޯނު ކުޑަ އިންޓްރެސްޓް ރޭޓުގައި ލިބޭނީ. މިގޮތުން ބައެއް މީހުން އެބަހުރި ލޯނު ނަގާ މުއްދަތު ބަދަލު ވެސް ކޮށްފަ،" ބަދުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް ކޮންސްޓްރަކްޝަން ލޯނަށް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ.

"ކޮންމެ މީހަކު ވެސް މި ތިބެނީ އަމިއްލަ ގެދޮރު އިމާރާތް ކުރަން ބޭނުންވެފައި. އެއީ މާލެއަކު އެކަންޏެއް ނޫން. ރަށްރަށުގައި ވެސް. އެހެންވެ ހޯމް ކޮންސްޓްރަކްޝަން ލޯނަކީ އެންމެ ޑިމާންޑް ބޮޑު އެއް ލޯނޭ. ހުޅުމާލެ ޕްރޮޖެކްޓުގައި ވެސް ވިއްކާ ފްލެޓްތައް ގަންނަން މި ލޯނުން ލިބޭނެ،" ބަދުރު ވިދާޅުވި އެވެ.

ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ގެނެސްފައިވާ މި ބަދަލާއެކު ގެދޮރު އެޅުމުގެ ވިޔަފާރިއަށް މިވަނީ އިތުރު މަގެއް ހުޅުވިފަ އެވެ. މި މަގު ހުޅުވާލާފައި މިވަނީ ބީއެމްއެލްއިންނެވެ.