ވެލެންސިއާ

ވެލެންސިއާގެ ރައީސްކަމުން މުޖުތާޒް ވަކިކޮށްފި، މައްސަލަ ހޯމް މިނިސްޓްރީއަށް!

Apr 18, 2016
2

ކްލަބް ވެލެންސިޔާގެ ރައީސް ކަމަށް ދާދި ފަހުން އިންތިހާބު ކުރި މުހައްމަދު މުޖުތާޒަށް އެނގިވަޑައި ނުގެން އެ މަގާމުން ވަކި ކުރި މައްސަލައެއް ބަލައި ދިނުމަށް އެދި އޭނާ އެ މައްސަލަ ހޯމް މިނިސްޓްރީއަށް ހުށަހަޅުއްވައިފި އެވެ.

މުޖުތާޒަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެސިޑެންޝަން އެފެއާޒް ވެސް މެއެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެޑްރެސް ކުރައްވާ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި މުޖުްތާޒު ފޮނުއްވި ސިޓީގެ ކޮޕީއެއް އަވަސ ވަނީ ލިބިފައެވެ. އެސިޓީގައި ބުނަނީ އޭނާއަކީ ކްލަބް ވެލެންސިޔާގެ ރައީސްގެ ގޮތުގައި އިންތިހާބުކޮށް ކްލަބްގެ އެގްޒެކްޓިވް ބޯޑްގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅެއް ކަމަށާއި ނަމަވެސް އޭނާއަށް އެނގިވަޑައި ނުގެން ކްލަބްގެ ރައީސް ކަމުގެ މަގާމުން ވަކިކޮށް އާ އެގްޒެކްޓިވް ބޯޑެއް އެކުލަވައިލާފައިވާ ކަމުގެ މައުލޫމާތު ލިބި ވަޑައިގެންފައިވާ ކަމަށެވެ.

އަދި އެ ސިޓީގައި މުޖުތާޒު ލިޔުއްވަ އެވެ:

"އަޅުގަނޑު ކްލަބް ވެލެންސިޔާގެ ރައީސް ކަމުން އިސްތިއުފާ ދިނުމަށް ނުވަތަ ކްލަބުން ވަކިވުމަށް އަޅުގަނޑު ސޮއިކޮށްފައިވާ ލިޔުމެއް އެއްވެސް ފަރާތަކާ ހަވާލުކޮށްފައި ނުވާނެ ވާހަކަ ދަންނަމަވެ."

މީގެ އިތުރުން ވިދާޅުވެފައި ވަނީ އެގްޒެކެޓިވް ބޯޑްގެ ބައްދަލުވުމެއް ބާއްވާ ކްލަބްގެ މަގާމުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ހަބަރު ލިބޭ އިރު އެއީ ގާނޫނީ ގޮތުން ސައްހަ ބައްދަލުވުމެއް އަދި ގާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ކަމން އެކަންކަން އެގޮތަށް ހިނގާފައިވާނަމަ އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅައި ދެއްވުމަށް އެދި ވަޑއިގަންނަވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މުޖުތާޒު ވަކިކުރުމަށް އޭނާގެ ސޮއި ފޯޖް ކުރި މައްސަލަ އާއި އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަ ބަލައި ދިނުމަށް ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ވެސް މުޖުތާޒް ގެންދަވަނީ ކުރައްވަމުންނެވެ.