ދުނިޔެ

ސީރިޔާގެ އޮޕޮޒިޝަނުން ޕީސް ޓޯކްސް ފަސްކުރަން ގޮވާލައިފި

ޖެނީވާގައި ބާއްވަން ހަމަޖައްސާފައިވާ ޕީސް ޓޯކްސް ފަސްކުރަން ސީރިޔާގެ އޮޕޮޒިޝަން ޑެލެގޭޝަނުން ގޮވާލައިފިއެވެ. މިހެން ގޮވާލާފައިވަނީ، އަސަދްގެ ސަރުކާރު ކޯލިޝަނުން ހަނގުރާމަމެދު ކަނޑާލަން ވި އެއްބަސްވުމާއި ޚިލާފުވި ކަމަށް ބުނެ ތުހުމަތު ތަކެއް އެޅުވުމަށްފަހުއެވެ.

އޮޕަޒިޝަނުން ބުނެފައި ވަނީ ސަރުކާރު ކޯލިޝަނުން ޕީސް ޓޯކްސް ސީރިޔަސް ކޮށް ނަގައި، އަމާން ސިޔާސީ މާހައުލެއް ގާއިމްކުރަން އިޚްލާސްތެރިކޮށް މަސައްކަތް ކުރާނެ ކަމުގެ ނިޝާނެއް ދޭންޖެހޭ ކަމަށެވެ.

ސީރިޔާގެ ސަރުކާރު ކޯލިޝަނުން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި އެއްބަސްވުމާއި ޚިލާފުވުފައިވާތީ ރައްދު ދޭނެ ކަމަށް ބުނެ އިއްޔެ އިދިކޮޅު ހަނގުރާމަވެރިން ވަނީ އަސަދުގެ ސަރުކާރަށް އިންޒާރު ވެސް ދީފައެވެ.

ސީރިޔާގެ އޮޕޮޒިޝަން ޑެލެގޭޝަނުން ޕީސް ޓޯކްސް ފަސް ކުރަން އެދުނު ނަމަވެސް ޖެނީވާގައި މަޑު ކުރާނެ އެވެ.

ސީރިޔާގެ ޕީސް ޓޯކްސްއާއި ހަވާލުވެ ހުންނަވާ އދ. ގެ ސްޕެޝަލް އެންވޯއީ ވިދާޅުވި ގޮތުގައި އޮޕޮޒިޝަން ޑެލެގޭޝަނުން ވަނީ އދ. ގެ ޓީމްއަކާއި ވާހަކަ ދައްކާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ނޫސްވެރިންނާއި މުހާތަބްކުރައްވަމުން ސްޕެޝަލް އެންވޯއީ ވިދާޅުވީ ފަސް އަހަރުގެ ހަނގުރާމައެއް އެއް ހަފްތާ ތެރެއިން ނިމި، ހައްލެއް ގެނެވޭނެ ކަމަށް އެއްވެސް ބަޔަކު އުންމީދުކޮށްގެން ނުވާނެ ކަމަށެވެ. އަދި ސީރިޔާގެ މައްސަލަ ހައްލު ކުރުން، ދިގު ހުރި މަސައްކަތަކަށްވި ނަމަވެސް އެއީ ނުވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.