ދުނިޔެ

އަފްގާނިސްތާނަށް ބޮމުގެ ހަމަލާއެއްދީ ގިނަ ބަޔަކު މަރާލައިފި

އަފްގާނިސްތާނުގެ ކާބުލްގައި ކާރު ބޮމެއް ގޮއްވާލައިފި އެވެ. މި ބާރުގަދަ ގޮވުން ގޮއްވާލާފައިވަނީ ސެންޓްރަލް ކާބުލްގަ އެވެ. މި ހަމަލާގައި ގިނަ ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީހުންގެ އަދަދު ސާފެއް ނުވެ އެވެ. ޒަހަމްވި މީހުންގެ އަދަދު 100 އަށް އަރާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

މި ހަމަލާގައި، ކާރު ގޮއްވާލާފައި ވަނީ ކާބުލްގެ ޑިފެންސް މިނިސްޓްރީ ކައިރިން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިއީ ކާބުލްގެ އެންމެ ބާރުބޮޑު، އަދި މީހުން ގިނަ ސަރަހައްދު ކަމަށް އެކި ނޫސްތަކުންނާއި އެގައުމުގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ކާބުލްއިން މި ހަމަލާއާ ބެހޭ ތަފްސީލް ރިޕޯޓު ކުރަމުން އަންނަ އަލް ޖަޒީރާގެ ނޫސްވެރިން ހާމަ ކުރި ގޮތުގައި ބޮން ގޮއްވަލާފައިވަނީ ބާރުބޮޑު ގަޑިއެއްގަ އެވެ. އަދި އަފްގާނިސްތާނުގެ ފުލުސް އޮފިޝަލުން ހާމަކުރި ގޮތުގައި، ކާރުގައި ގިނަ އަދަދެއްގެ ގޮވާ ތަކެތި ހުރި ކަމަށާއި، ކާރު ދުއްވަން އިން މީހާ، ޑިފެންސް މިނިސްޓްރީއާ ކައިރިކޮށްފައި ކާރު ގޮއްވާލީ ކަމަށެވެ.

ފުލުސް އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މި ހަމަލާ އަމާޒުކުރެވިފައިވަނީ ޑިފެންސް މިނިސްޓްރީ ކައިރީގައި އޮތް، މިލިޓަރީ ސިފައިންގެ ފެކްޝަނަކަށެވެ. އެ ސަރަހައްދު ކައިރީގައި ތިބި ބައެއް އާންމުން ނޫސްވެރިންނަށް މައުލޫމާތު ދިން ގޮތުގައި ކާރު ގޮއްވާލާފައި ވަނީ ބަޑީގެ ހަމަލާތަކެއް ދިން ފަހުގަ އެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި، އަދިވެސް އިތުރު ހަމަލާތަކެއް އައުން އެކަށީގެންވެ އެވެ. އަދި ބޮން ގޮއްވާލި ސަރަހައްދު ކައިރީގައި ހުރި ބިލްޑިން ތަކުގައި، ބޮން ގޮއްވާލަަން ރޭވި މީހުން އިތުރު ހަމަލާއެއް ދޭން ތައްޔާރަށް ހުރި ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.