ހަބަރު

ނައިވާދޫ ސްކޫލް ގޯތި ތެރެއިން ގަބުރު ނަގާތީ ކިޔެވުން ބަންދުކޮށްފި

ހދ. ނައިވާދޫ ސްކޫލުން ގަބުރު ފެނިފައިވުމުން އިތުރު ގަބުރުތަކެއް ފެނޭތޯ ބެލުމަށް ސްކޫލު ތެރެ ކޮނުމުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ކުރަމުންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީގެ ލަފާޔާއެކު އެވެ.

ނައިވާދޫ ކައުންސިލް މެންބަރު ހުސެއިން ސަމީރު މިއަދު އަވަސްއަށް ވިދާޅުވީ، ސްކޫލު ގޯތި ތެރެ ކޮންނަނިކޮށް ގަބުރުތަކެއް މީގެ އަހަރެއްހާ ދުވަސް ކުރިން ފެނުނު ކަމަށާއި އެކަމާ ގުޅިގެން ދެ މިނިސްޓްރީގެ އިސް ފަރާތްތަކުން ސްކޫލަށް ޒިޔާރަތްކޮށް އެކަން އިތުރަށް ބެލުމަށް ލަފާ ދީފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ސްކޫލް ގޯތިތެރެ ކޮނެ، ގަބުރު ނެގުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަމީރު ވިދާޅުވީ، ގަބުރު ފެނޭތޯ ސްކޫލް ގޯތިތެރޭގެ އެކި ޕޮއިންޓްތަކުން ކޮންނަމުންދާ ކަމަށެވެ.

ކޮނުމުގެ މަސައްކަތް ކުރިއަށް ދާތީ ސްކޫލަށް ދަރިވަރުން ފޮނުވުމާ ގުޅޭ ގޮތުން ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމެންޓުން މަޝްވަރާކުރެއްވި ކަމަށާއި މިއަދު ދަރިވަރުން ސްކޫލަށް ނުފޮނުވާ ކަމަށެވެ. އަދި ގަބުރު ނެގުމަށް ކޮންނަމުން ދާތީ ސްކޫލްގެ ބައެއް ބެލެނިވެރިން ހިންހަމަ ނުޖެހުންތަކެއް ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ، ސްކޫލް ގޯތި ތެރެއިން މީގެކުރިން ފެނިފައިވާ ގަބުރުތަކަކީ ވަރަށް ކުރީގެ ގަބުރުތަކެއް ކަމަށާއި، ސްކޫލް ހުރި ސަރަހައްދަކީ ވަރަށް ކުރީގެ ގަބުރުސްތާނެއް ހުރި ތަނެއް ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

މިކަމާ ގުޅިގެން ނައިވާދޫ ސްކޫލަށް ގުޅުމުން އެ ސްކޫލުން ބުނީ، އެ މައުލޫމާތު މީޑިއާއަށް ދެވެން ނެތް ކަމަށެވެ.