ސިއްހަތު

ސިނގިރެޓު ބުއިން ހުއްޓާލުމުގެ މުބާރާތެއް ބާއްވަނީ!

ދަމަނަވެއްޓާއި އެޗްޕީއޭ ގުޅިގެން މިއޮތީ ފިސާރި މުބާރާތެއްގެ ދައުވަތު ހުޅުވާލާފައެވެ. "ހެލްތީ ލަންގް" ނަމުގައި ސިނގިރެޓު ބުއިން ހުއްޓާލާ މުބާރާތެކެވެ. ފަހަރެއްގައި މި މުބާރާތެއްގެ ދައުވަތަކުން ހިތް ހަލާކުވާ ވަރުގެ ތަދެއްވެސް އަރާފާނެއެވެ.

ދުނިޔޭގެ "ނޯ ޓޮބޭކޯ ޑޭ" އާއި ގުޅުވައިގެން ހެލްތީ ލަންގްގެ ނަމުގައި ދަމަނަވެއްޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ފަށަން ނިންމާފައިވާ ސިނގިރެޓު ބުއިން ހުއްޓާ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. މުބާރާތް ކުރިއަށްގެންދާނީ އަންނަ މަހުގެ ނިޔަލަށެވެ.

ސަރުކާރުގެ އޮފީސްތަކާއި އެންޖީއޯ އަދި އަމިއްލަ އޮފީސް ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާ އެ މުބާރާތާ ބެހޭގޮތުން އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސާ ޑރ. އައިޝަތު އަރޫނާ ވިދާޅުވީ މުބާރާތަށް މިހާރުވެސް ބައެއް އޮފީސްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ބައިވެރިވާ އޮފީސްތަކާއި ޓީމްތަކަކީ ސަޕްރައިޒެއް ކަމަށެވެ.

އެއްމަސްދުވަހުގެ ތެރޭގައި ސިނގިރެޓު ބުއިން ހުއްޓާލުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާލޭގެ ހުރިހާ އޮފީހަކަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާ ކޮންމެ އޮފީހަކުންވެސް ފަސް މެންބަރުންނަށް ވުރެ މަދު ނޫން ޓީމެއް ނަގަން ޖެހެއެވެ. އެ ޓީމުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ބައިވެރި ވެވޭނެ އެވެ. އެއީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެކަމަކު ކޮންމެ ގްރޫޕެއްގައިވެސް ގިނައިން ތިބެންޖެހޭނީ ދުންފަތުން އިސްތިއުމާލުކޮށް އެކަން ހުއްޓާލަން ބޭނުންވާ މީހުން ކަމަށް އަރޫނާ ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މިހާރުވެސް ވަނީ ހުޅުވާލާފައިވުމާއެކު ބައިވެރިވާން ބޭނުންވާ އޮފީސްތަކުން ދަމަނަވެއްޓަށް ނުވަތަ އެޗްޕީއޭ އަށް ގުޅައިގެން ރަޖިސްޓްރީ ކުރުމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން ވަނީ އެދިފައެވެ.