ބޭރު ކުޅިވަރު

ބޮނީގެ ދެ ލަނޑާއެކު އައިވަރީ ކޯސްޓް ސެމީ އަށް

ފޯވަޑް ވިލްފްރެޑް ބޮނީގެ ދެ ލަނޑާއެކު އެފްރިކާ ކަޕްގެ އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލްގައި ރޭ އަލްޖީރިއާ އަތުން 3-1 އިން މޮޅުވެ، އައިވަރީ ކޯސްޓް މުބާރާތުގެ ސެމީ ފައިނަލުން ރޭ ޖާގަ ހޯދައިފި އެވެ.

މެންޗެސްޓާ ސިޓީއާ މިހާރު ގުޅިފައިވާ ބޮނީ ރޭގެ މެޗުގައި އައިވަރީ ކޯސްޓަށް ލީޑު ހޯދައިދިނީ 26 ވަނަ މިނިޓުގަ އެވެ. މެކް ގްރަޑެލް ހުރަސްކޮށްލި ބޯޅަ ބޮނީ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

އައިވަރީ ކޯސްޓް އިން މެޗު ޑޮމިނޭޓްކުރަމުންދިޔަ ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު އަލްޖީރިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމުގެ ހިލާލް ސުދާނީ ޖެހި ލަނޑުންނެވެ.

އައިވަރީ ކޯސްޓް އިން އަލުން ލީޑު ހޯދީ 68 ވަނަ މިނިޓުގައި ބޮނީ ޖެހި ލަނޑުންނެވެ. އަދި މެޗު ނިމެން ކައިރިވެފައިވަނިކޮށް އައިވަރީ ކޯސްޓްގެ ތިން ވަނަ ލަނޑު ޖެހީ ރޯމާގެ ފޯވަޑް ޖާވީނިއޯ އެވެ.

ބުދަ ދުވަހުގެ ރޭ ކުޅޭ މުބާރާތުގެ ސެމީ ފައިނަލްގައި އައިވަރީ ކޯސްޓްއާ ދެކޮޅަށް ނުކުންނާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އެވެ. ކޮންގޯ މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދީ ކުއާޓާ ފައިނަލްގައި ރިޕަބްލިކް އޮފް ކޮންގޯ އަތުން 4-2 އިން މޮޅުވެގެންނެވެ.

ސެމީ ފައިނަލްގައި ބުރާސްފަތި ދުވަހު ކުރިމަތިލާނީ ގާނާ އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އީކުއެޓޯރިއަލް ގިނީ އެވެ. ގާނާ މުބާރާތުގެ ސެމީން ޖާގަ ހޯދީ ކުއާޓާގައި ގިނީ އަތުން 3-0 އިން ރޭ މޮޅުވެގެންނެވެ. އީކުއެޓޯރިއަލް ގިނީ މުބާރާތުގެ ސެމީން ޖާގަ ހޯދީ ކުއާޓާގައި ޓިއުނީޝިއާ އަތުން 2-1 އިން މޮޅުވެގެންނެވެ. -- ބީބީސީ