ދުނިޔެ

ފަލަސްތީނުގެ ކުއްޖަކު މަރާލި އިޒްރޭލު މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

2014 ގައި ވަގަށް ނަގައިން ފަލަސްތީނުގެ ޒުވާން ފިރިހެން ކުއްޖަކު މަރާލި ކަމުގެ ކުށް، އިޒްރޭލު މީހެއްގެ މައްޗަށް ސާބިތު ވެއްޖެ އެވެ.

މަރާލި ކުއްޖާއަކީ މުޙަންމަދް އަބޫ ޚައިރް ނަމަކަށް ކިޔާ 16 އަހަރުގެ ކުއްޖެކެވެ. މުހަންމަދް އަބޫ ޚައިރް މަރާލާފައިވަނީ ދިރި ހުއްޓާ އަންދާލައިގެނެވެ. މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ ރުޅިވެރިކަމާއި ފާޑުކިޔުން އިޒްރޭލަށް ވަރަށް ބޮޑަށް އަމާޒުވި ޖަރީމާއެކެވެ.

ގުދުސްގެ ކޯޓަކުން ވަނީ މި މައްސަލަ ބަލައި، އިޒްރޭލުގެ ޔޫސެފް ހައިމް ބެން ޑޭވިޑް ކިޔާ، 31 އަހަރުގެ ފިރިހެނެއްގެ މައްޗަށް ކުށް ސާބިތުވި ކަމަށް ކަނޑައަޅާފައެވެ. ޑޭވިޑްއަކީ މި ހަމަލާގައި އެންމެ އިސް ދައުރެއް އަދާ ކުރި މީހާކަމަށް ގިނަ ބަޔަކު އެންމެ ކުރިން ވެސް ތުހުމަތުކުރި އެވެ.

ޑޭވިޑްގެ ވަކީލުން ވަނީ، ފަލަސްތީނުގެ ޒުވާން ފިރިހެން ކުއްޖާ މުހަންމަދު މަރާލި ވަގުތު ޑޭވިޑް ހަމަ ބުއްދީގައި ނެތް ކަމަށް ބުނެ ވަކާލާތު ކޮށްފައެވެ. ނަމަވެސް ކޯޓުން މިކަން ބަލައި ނުގަނެ ވަނީ ހަމަ ބުއްދީގައި ހުރެ ގަސްދުގައި މީހަކު މަރާލި ކަމަށް ނިންމައިފައ އެވެ.

މުހަންމަދް މަރާލުމުގެ ކުށުގައި އިޒްރޭލުގެ އިތުރު ދެޒުވާނަކު ވެސް ވަނީ ޖަލަށް ހުކުމް ކޮށްފައެވެ. މި ދެމީހުންގެ މައްޗަށްވެސް ވަނީ 21 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

މުހަންމަދްއަކީ ހަމާސް ޖަމާއަތުން އިޒްރޭލުގެ ތިން ޒުވާން ފިރިހެން ކުދިން ވަގަށް ނަގައި މަރާލިކަމަށް ބުނެ، ބަދަލު ހިފުމުގެ ގޮތުން މަރާލި ފަލަސްތީން ކުއްޖެކެވެ. މުހަންމަދް އަބޫ ޚައިރްގެ އަންދާލާފައިވާ ހަށިގަނޑު ފެނިފައިވަނީ ގުދުސްގެ ވަލެއްގެ ތެރެއިންނެވެ.