ހަބަރު

އަލިފާން ނިވަން ބޭނުންކުރާނެ ވަސީލަތް ޖަޕާނުން ދެނީ

އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ވަގުތުތަކުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ވަސީލަތްތައް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދީފައި އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހިނގާދިޔަ ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖަޕާނުން ފޯރުކޮށްދީފައި ހުރި ވަސީލަތްތައް ލިބުމުން މިފަދަ އަލިފާނުގެ ހާދިސާތަކުގައި އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދ މިހާރުވެސް މި ފަދަ ބޮޑެތި ހާދިސާތަކުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ ވަސީލަތްތައް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިއްޔެ ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާގައި ރާއްޖޭގައި މިވަގުތު ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ރަނގަޅަށް އެމަސައްކަތް ކޮށްފައިވާ ކަމަށެވެ.

" ޖަޕާނުން މިހާރުވެސް ވަރަށް ބޮޑެތި އެހީތަކެއް ދީފައި އެބަހުރި، ހާއްސަކޮށް މިފަދަ ބޮޑެތި ހާދިސާތަކުގައި ބޭނުންކުރާނެ ވަސީލަތްތައް ދީފައި އެބަހުރި. މިވަސީލަތްތައް ލިބުނީމަ އިތުރަށް ފަސޭހަވެގެންދާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިިފަދަ ބޮޑު ހާދިސާއެއް ހިނގީމަ ސީދާ ބޭނުންވާވަރަށް ވަސީލަތްތައް ނެތްނަަމަވެސް ރާއްޖޭގެ ނިސްބަތުން ވަސީލަތްތައް ހޯދޭ ކަމަށެވެ.