ކޯސްޓްލައިން ހާޑްވެއާގެ އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް ސަރުކާރުން މާލީ އެހީ ދިން ނަމަވެސް، އެމީހުންގެ ގެތަކަށް ލިބުނު ގެއްލުން ރަނގަޅުކޮށް އެ ތަންތަން ހެދެން ދެން ސަރުކާރުގެ ބެލުމުގެ ދަށުން ހޯދި ވަގުތީ ހިޔާގައި ތިބެވޭނެ ކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓާއިން ބުނެފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ތަސްނީމް މިއަދު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
އަދި އެ އެސެސްމަންޓްގެ މައްޗަށް ބިނާކޮށް ގެތަކަށް ލިބުނު ގެއްލުންތަކާއި ގެއްލުންތަކުގެ މިންވަރު ދެނެގަނެފައިވާ ކަމަށާއި، އެސެސްމަންޓްގެ ނަތީޖާއަށް ބެލުމަށްފަހު މިހާރު ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް އެމީހުން ވަގުތީ ހިޔާތަކުގައި ތިބެންޖެހޭ މުއްދަތު ކަނޑައަޅާފައިވާ ކަމަށެވެ.
ތަސްނީމް ވިދާޅުވީ، ވަގުތީ ހިޔާތަކުގައި މިހާރު ތިބި ވަކި ވަކި މީހުންނަށް މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތު ދީފައިވަނީ އެމީހުންނަށް ލިބިފައވާ ގެއްލުންތަކަށް ބެލުމަށްފަހު އެ ތަންތަން ހަދަން ނަގާނެ ދުވަސް ބެލުމަށްފަހު ކަމަށެވެ.
އެ މީހުންނަށް ދީފައިވާ މުއްދަތުގެ ތަފްސީލެއް ތަސްނީމް ވިދާޅެއް ނުވެ އެވެ.
"ސަރުކާރުން މިހާރު މި ގެންދަނީ ހާލުގައި ޖެހިފައިތިބި މީހުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން. އަޅުަނޑުމެން ހެދި އެސެސްމަންޓް ތަކަށްފަހު އެމީހުން ސަރުކާގެ އެހީތެރިކަމުގައި ތިބޭނެ މުއްދަތު އެކި މީހުންނަށް ވަކިވަކިން މިވަނީ ކަނޑައަޅާފަ. އެއީ ހަލާކުވެފައިވާ ތަންތަން ހެދެން ނަގާނެ މުއްދަތު އަޅުގަނޑުމެން ބަލައި އަންދާޒާ ކުރުމަށްފަހު،" ތަސްނީމް ވިދާޅުވި އެވެ.
ހާދިސާގައި ގެއްލުންވި މީހުންނަށް އަންނަ ހަފުތާގައި ފައިސާދޭން ސަރުކާރުން ނިންމާފައިވާއިރު އިއްޔެ ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުން އެކަމަށް ކުރާނެ ހަރަދުގެ މންވަރު ކަނޑައަޅުއްވާނީ ރައީސް ކަމަށާއި އެމީހުނަށް ފައިސާ ހަވާލު ކުރެވޭނީ ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އިން ކަނޑައަޅައިފަވާ އުސޫލެއްގެ ތެރެއިން ކަމަށެވެ.
ކޯސްޓްލައިންގައި ރޯވުމުގެ ސަބަބުން ގެއްލުން ލިބުނު އެހެން ފަރާތްތަކަށް އެކުންފުނިން ވެސް ވަނީ އެއް މިލިއަން ރިފުޔާގެ އެހީ ދޭން ނިންމާފަ އެވެ. ޑިސާސްޓާ މެނޭޖްމަންޓް އިން މައުލޫމާތު ދޭ ގޮތުގައި އެ ހާދިސާ އިން ގެއްލުންވެ ވަގުތީ ހިޔާގައި މިހާރު 85 މީހުން ތިބި ކަމަށެވެ. އަދި އެމީހުން ތިބެނީ މާލޭގެ އެކި ގެސްޓް ހައުސްތަކުގައި ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.