- 13 ގޭބިސީއަކުން ވަނީ ފައިސާއާ ހަވާލުވެފައި
- ފައިސާ ލިބެނީ 34 ފަރާތަކަށް
- 47 މީހަކު އަދިވެސް ވަގުތީ ހިޔާގައި
ކޯސްޓްލައިން ހާޑްވެއާ އަނދައިގެން ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް ފައިސާ ހަވާލު ކުރަން ފަށައިފ އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑިސާސްޓާ މެނޭޖްމަންޓްގެ އެގްޒެކެޓިވް ކޯޑިނޭޓާ އަހުމަދު ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުން ފަރާތްތަކަށް ސަރުކާރުން އެހީ ދިނުމުގެ މަސައްކަތް ފަށައިފަވާ ކަމަށެވެ.
އެގޮތުން އެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތްތަކާއި ހިފާގެންގުޅޭ ތަކެއްޗައް ލިބުނު ގެއްލުންތަކުގެ 40 ޕަސަންޓަށްވާ ފައިސާ އެ ފަރާތްތަކަށް ދޭން ނިންމާފައިވެ އެވެ. ހުރިހާ ފަރާތްތަކަށް ފައިސާއާ ހަވާލުވާން އެދިފައިވާއިރު މިހާތަނަށް 13 ގޭ ބިސީއަކުން ވަނީ ފައިސާއާ ހަވާލުވެފައެވެ. ގެއްލުމަށް ބަލައި އެކި ފަރާތްތަކަށް ފައިސާ ލިބެނީ އެކި މިންވަރަށެވެ.
އަހުމަދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ތަކަށް އެކި ފަރާތްތަކުން ދިން ފައިސާގެ އެހީ 3،620،150.42ރ. އަށް އަރާ ކަމަށާއި އޭގެ ތެރޭގައި ކޯސްޓްލައިނުން ދިން އެއް މިލިއަން ރުފިޔާއާއި އަމިއްލަ ފަރާތަކުން ދިން 3000ރ. އާއި ސަރުކާރުން ދޭ 2.6 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ބަހާނީ ގެއްލުން ލިބުނު 34 ގޭބިސީއަކަށް ކަމަށެވެ.
"ކަމާބެހޭ ފަރާތްތަކުން ހެދި އެސެސްމަންޓުތަކަށް ބަލައިފަ ގެއްލުން ލިބޭ ތަނެއް އަލުން މަރާމާތު ކުރެވޭނެ މިންގަނޑަށް ބަލައިގެން ފައިސާ މި ހަވާލު ކުރަނީ. އެ ގޭގަ ކިތަންމެ ގިނަ ބަޔަކު ތިއްބަސް އެކަކަށް ފައިސާ ހަވާލު ކުރެވޭނީ. އަދި ފައިސާ ބެހިގެންދާ އިރު ކުއްޔަށް އުޅޭ ފަރާތްތަކަށް ވަކިން ފައިސާ ދެވޭނެ،" އަހުމަދު ވިދާލުވި އެވެ.
މިއަދު ފައިސާތައް ބަހަން ފަށައިފަވާއިރު އަލިފާނުން ގެއްލުންވީ ފަރާތްތައް ފިނޭންސް މިނިސްޓްރީ އަށް ދިއުމުން އެ ފައިސާ ދޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާއިން ގެއްލުންވީ މީހުންގެ ތެރެއިން 47 ފަރާތެއް އަދިވެސް ދިރިއުޅެމުން އަންނަނީ ވަގުތީ ބޯހިޔާވަހި ކަމުގައި ގެސްޓު ހައުސްތަކެއްގަ އެވެ. މިއަދު ހަވާލު ކުރި ފައިސާގެ އިތުރުން އެމީހުން ވަގުތީ ހިޔާފައި ބޭނުން ކުރުމަސް ސަރުކާރުން ކޮންމެ ދުވަހަކު 50،000 ރުފިޔާ ހަރަދު ކުރާ ކަމަށް ޑިސާސްޓާ އިން ވަނީ ބުނެފަ އެވެ.
ކޯސްޓްލައިން ހާޑްވެއާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއަކީ ފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ ބޮޑު، އަދި އެންމެ ގިނަ ބަޔަކަށް ގެއްލުންވި އަލިފާނުގެ ހާދިސާއަށްވި އިރު މިއީ ސުނާމީގެ ހާދިސާއަށްފަހު އެންމެ ގިނަ ބަޔަކަށް ވަގުތީހިޔާގެ އެހީ ދޭން ޖެހެނު ފަހަރުވެސް މެއެވެ.